ބުރާސްފަތި ދުވަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާ އެއީ ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ.
އޭނޭގެ ހަށިގަނޑު ފެނިފައިވަނީ، އޮޔާދަނިކޮށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ ބުރާސްފަތި ދުވަހު ބަނޑުން ޖަހާލި ކޮޅުވެއްޓި، “އަލްމާކް-ފިޔަ” އިން ގެއްލުނު މީހުންގެ ތެރެއިން ތިން ވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.
ރާސްފަތި ދުވަހުގެ ފަތިހު ވަގުތެއްގައި ބަނޑުން ޖަހާލި 100 ފޫޓުގެ މި ކޮޅުވެއްޓި ދަތުރުކުރަމުންދިޔައީ މާލެ އަތޮޅު އެރިޔަދޫއަށް ކަމަށެވެ. މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި 7 މީހުންގެ ތެރެއިން، 3 މީހުން ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭއިރު، ފުރަތަމަ ފެނިފައިވަނީ ދިވެހި މީހާގެ ހަށިގަނޑެވެ.

