އިންތިޚާބުގެ މައިގަނޑު ބަދަލުތައް
މިފަހަރުގެ އިންތިޚާބުގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ކެންޑިޑެސީ ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލްކުރުމެވެ. މިގޮތުން ކެންޑިޑޭޓުން ކުރިމަތިލާންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިއީ އިދާރީ އިންތިޒާމުތައް ފަސޭހަކޮށް، ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ކޮމިޝަނުން ފާހަގަކުރައްވައެވެ.އިންތިޚާބުގެ އިދާރީ މަސައްކަތްތަކަށް 270 އެއްހާ މުވައްޒަފުން ބޭނުންވާނެކަމަށް ލަފާކުރެވޭއިރު، ޓާސްކްފޯސްއަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އިންތިޚާބު ބޭއްވުމަށް 70 އިން 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާނެކަމަށް ކޮމިޝަނުން ލަފާކުރައްވައެވެ.ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް
އިންތިޚާބާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން ރާއްޖޭގެ 12 އަތޮޅެއްގެ 36 ރަށަކަށް ކޮމިޝަންގެ ޓީމުތައް ޒިޔާރަތްކޮށް، ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ ތެރޭގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި މިނިވަން މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައްވެސް ބައިވެރިވާނެއެވެ.

