ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވީ ނަމަވެސް، މިހާރު މި މުއްދަތު ވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ 16:00އާ ހަމައަށް އިތުރުކޮށްފައެވެ.
އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި ވަޒީފާއަށް ކުރިމަތިލެވެއެވެ. އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ ތައުލީމުގެ ޖީސީއީ އޯ ލެވެލް އިމްތިޚާނު އަދި އެސްއެސްސީ އިމްތިޙާނު ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން، ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިޙާނު ނުވަތަ އެސްއެސްސީ އިމްތިޙާނު ހިމެނޭހެން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވާން ޖެހެއެވެ.
އަދި މިއާއިއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭކަމަށް ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ހުށަހަޅާނީ 2021 ނޮވެމްބަރު 30 ވަނަ ދުވަހުގެ 16:00ގެ ކުރިން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް، ނުވަތަ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަނަށެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00އިން 16:00އަށެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނުންނާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

