ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ބ.ކިހާދުއްފަރު (ކިހާ މޯލްޑިވްސް) ރިސޯޓުގެ އެއްބަސްވުން ބާތިލުކުރަން ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން މި އަމުރު ނެރެފައިވަނީ، އެ ރިސޯޓުގެ ހެޑްލީސް އޮންނަ އަތަމާ މެރިން އިންޓަނޭޝަނަލުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އަތަމާ މެރިން އިންޓަނޭޝަނަލުން މި އަމުރަށް އެދުނީ، ބ. ކިހާދުއްފަރު ރިސޯޓު ހިންގަނީ ހުއްދަ ނެތި ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގެ ޓީމަކުން އެ ރަށަށް އަރައި، އެ ތަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންނަން އުޅުމާ ގުޅިގެންނެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އެއްބަސްވުން ބާތިލުކުރަން ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިހަށް އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް އަމަލުކުރުން ވަނީ ފަސްކޮށްފައެވެ. އަދި ކިހާދުއްފަރާ ގުޅިގެން ތިންވަނا ފަރާތެއްގެ މަސްލަހަތު އުފެދޭނެ އެއްވެސް ކަމެއް ނުކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
ބ. ކިހާދުއްފަރަކީ ޓޫރިޒަމް މިނިސްޓްރީއާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރިސޯޓެއް ތަރައްގީކުރުމަށް ކުއްޔަށްދީފައިވާ ރަށެކެވެ. ނަމަވެސް، މި ރިސޯޓު ހިންގަމުން ގެންދަނީ ރާއްޖޭގެ ޓޫރިޒަމް ގާނޫނާއި މިނިސްޓްރީގެ މިންގަނޑުތަކާ ހިލާފަށް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެންބަރު 27 ގައި ހަމަވިއިރުވެސް އެކުންފުނިން ކަންކަން ރަނގަޅުކޮށްފައެއް ނުވެއެވެ. އަދި ލައިސަންސް ނެތި ފަތުރުވެރިން ބައިތިއްބައި ރިސޯޓު ހިންގުމުގެ ސަބަބުން އެ ކުންފުނި ދެ ފަހަރެއްގެ މަތިން ވަނީ ޖޫރިމަނާކޮށްފައެވެ. މިހެންކަމުން، މިނިސްޓްރީން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

