ފަތުރުވެރިކަމުގެ ދާއިރާ ގުޅުވާލަދޭ އެންމެ މުހިންމު އެގްޒިބިޝަންކަމަށްވާ 19 ވަނަ ހޮޓެލް އޭޝިއާ މޯލްޑިވްސް އެގްޒިބިޝަން އަންނަ މަހު ބާއްވަން ނިންމައިފިއެވެ. އެގްޒިބިޝަން އޮންނާނީ އޮކްޓޯބަރު 19 އިން 22 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސް، މޯލްޑިވްސް ޝެފްސް ޔޫނިއަން، ވިޒިޓް މޯލްޑިވްސް އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި އެގްޒިބިޝަންގައި މިއަހަރު 75 އާ ކުންފުންޏެއް ބައިވެރިވާނެކަމަށް ބައްވާ ފަރާތުން ވަނީ މަޢުލޫމާތުދީފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިން ޒަމާނުއްސުރެ އެއުއްމީދެއްގެ ބަރޯސާގައި ހިތްވަރާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް ނަގަމުންދާ ދިވެހިންގެ ފަޚުރުވެރި އެއްބާރެވެ. ކިރިޔާ ފިރުކޭ ހިސާބެއްގައި އޮތް ކުޑަކުޑަ މި ދިވެހި ގައުމު، ދުނިޔޭގެ ފުޅާ ބޮޑެތި އުސް ގައުމުތަކާ އެއްހަމައަކަށް ފިޔަވަޅު ނެގީ މިދެންނެވި ބަރޯސާގެ ބާރުގައެވެ. އަދި މިއަދު އެބާރުގައި ދިވެހިން މިތިބީ ވަރަށްވެސް ކުރިއަށް ނުކުމެފައެވެ. ޖިންސުގެ ފަރަގެއް ނެތި މިއަދު ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި އަންހެންދަރިން އިސްއުފުލައި ނަޒަރާއި ނަޒަރު ހަމަކުރަމުން ކުރިޖަހައި އެދަނީ ދިވެހި އަންހެންދަރިއަކަށްވީތީ ފަޚުރުވެރިވެ ތިބެގެންނެވެ.
މި ހިސާބަށް ކަންތައް ގެންދިއުމުގައި، މިދެންނެވި ފަޚުރު ދމަހައްޓައި ދިރުވައި އާލާ ކުރުމަށް ލިބޭ އެންމެ މުހިންމު އެއް އިވެންޓަކީ ކޮންމެ އަހަރަކު ބާއްވާ "ހޮޓެލް އޭޝިއާ މޯލްޑިވްސް" އެވެ. މިއީ ހަމައެކަނި އާންމު އެގްޒިބިޝަނެއްގެ ގޮތުގައި ފާހަގަކުރެވޭ އިވެންޓެއް ނޫނެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ސަޕްލައަރުންނާއި، ރިސޯޓުތަކުގެ ވެރިންނާއި، ޝެފުން އަދި ދާއިރާގެ ފުންނާބުއުސް ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލު ބަދަލުކޮށް، ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މުޅި ދާއިރާގެ މުސްތަގުބަލު އިތުރަށް ފުރިހަމަކޮށް ބައްޓަންކުރުމަށް މަގުފަހިކޮށްދޭ މުހިންމު މަންސަވެސްމެއެވެ.

