ލ. މާވަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާވަށަށް ވަޑައިގަންވައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުތަކުގެ ތެރެއިން މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.
ރަށުގެ މަގުތައް ހެދުމަކީ، މާވަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ. ފެންވަރު ރަނގަޅު މަގުތަކުގެ ސަބަބުން، ދަތުރުފަތުރުގެ ލުއިފަސޭހަކަން އިތުރުވެ، ރަށުގެ ވިޔަފާރިތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް މި މަޝްރޫއުއަކީ މުހިންމު ފިޔަވަޅެއްކަން ސަރުކާރުން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން މާވަށުގެ މައި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1.8 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުންވެސް ހިމެނެއެވެ.

