ލ. މާވަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާވަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މުހިންމު މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް އަމިއްލަ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސަރުކާރުން މި މަޝްރޫޢަށް ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމެވެ.
މިހާރުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ވަނީ ޤާއިމުވެ، އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ނަމަވެސް އަމިއްލަ އިމާރާތްތަކެއް ޤާއިމުކުރެވުމުން ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރެވޭ މަރުކަޒުތަކެއް ކަމަށްވާތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް މި މަރުކަޒުތަކުން އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

