ލ. ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިކަމުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.
ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ ސަރުކާރުން 150 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

