ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުޢާޒު ޢަލީގެ ބަންދަށް އިތުރު 10 ދުވަސް ދިނުމަށް މިއަދު ކޯޓުން ނިންމައިފިއެވެ.
މުޢާޒުގެ ބަންދަށް ފުރަތަމަ ޖަހާފައިވަނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު އޭނާ ވަނީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައެވެ. ބަންދުގެ މަޖިލީހުގައި ނިންމާފައިވަނީ މުޢާޒުގެ ބަންދަށް އިތުރު 10 ދުވަސް ދިނުމަށެވެ.
މި މައްސަލައިގައި މުޢާޒާއެކު ހައްޔަރުކޮށްފައިވަނީ ދެ ވިޔަފާރިވެރިންނެވެ. އެއީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. މީގެ އިތުރުން ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގެ ކުރިން ވެސް މުޢާޒުގެ މައްޗަށް ވަނީ އިތުރު މައްސަލައެއްގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ. އެއީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސްއާ ގުޅޭ މައްސަލައެކެވެ. މި މައްސަލައިގައި ތުހުމަތުކުރެވެނީ ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ސިނގިރޭޓް ކޭސްތަކުގެ ތެރެއިން 430 ކޭސް ރީ-އެކްސްޕޯޓް ކުރުމަށް އިޖުރާއަތުތައް ފުރިހަމަކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓްތައް ރީ-އެކްސްޕޯޓް ނުކުރާ މައްސަލަ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމަށް ރިޝްވަތަށް އެދުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަފްސީލު ހާމަކުރެވޭނެ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.

