ލ. ކުނަހަންދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި ވޮލީ ކޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢުގެ އަގަކީ 4.94 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނަސް ސެންޓަރު އިމާރާތްކުރެވޭނެއެވެ. މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.
ވޮލީ ކޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަގަކީ 1.24 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި، ކަރަންޓުގެ މަސައްކަތްތަކާއި، ޓާފް އެޅުމާއި އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.
މި ދެ މަޝްރޫޢު ނިމުމުން ކުނަހަންދޫގެ ޒުވާނުންނަށް ކުޅިވަރުކުޅުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެއެވެ. އަދި ރަށުގެ ކުޅިވަރުގެ ވަސީލަތްތައް އިތުރުވެ، ރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

