ރާއްޖޭގެ ހަތަރު ސިޓީއަކާއި، އިތުރު ރަށެއްގައި 68 މިލިއަން ރުފިޔާގެ ވަގުފު އިމާރާތްތަކެއް އަޅަން ނިންމަވާފައިވާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާންކުރައްވައިފިއެވެ.
އިސްލާމީ ހިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، އިސްލާމީ ހަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަގުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫއުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޝަހީމް ހާމަކުރެއްވި ގޮތުގައި އައްޑޫ ސިޓީގައި 23 މިލިއަން ރުފިޔާ، ފުވައްމުލައް ސިޓީގައި 15 މިލިއަން ރުފިޔާ، ކުޅުދުއްފުށީގައި 10 މިލިއަން ރުފިޔާ، ތިނަދޫގައި 10 މިލިއަން ރުފިޔާ އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާގެ ވަގުފް އުފެއްދުމަށް އިންވެސްޓް ކުރެވިގެންދާނެއެވެ. މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ހަރަދު ކުރެވިގެންދާނީ އެ ސިޓީތަކުގެ އިސްލާމީ ކަންކަމަށާއި މިސްކިތްތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށެވެ.
މީގެއިތުރުން މާލެ ސަރަހައްދުގައިވެސް ދެ މުހިންމު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެއީ ހުޅުމާލޭގައި ތަރައްގީ ކުރާ ދާރުލް ސަލާމާއި މާލޭގައި ގާއިމް ކުރާ ދާރުލް އަރްގަމްއެވެ. މި ދެ މަޝްރޫއުގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެ ކަމަށް މިނިސްޓަރ ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަގުފު މަޝްރޫއުތައް އިތުރުކޮށް، އިސްލާމީ ފަންޑް ދިރުވުމުގެ މަސައްކަތް ކުރުން ހިމެނިފައިވާއިރު، މި މަޝްރޫއުތަކަކީ އެ ވައުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

