މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބާ ދަގަނޑުގެ ވިޔަފާރިކުރާ ތަންތަނުން 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަނަކީ ހުޅުމާލެ ފޭސް އެކެއްގައި ހިމެނޭ ބާ ދަގަނޑުގެ ވިޔަފާރިކުރާ ތަންތަނަށް އަމާޒު ކޮށްގެން ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ޖުމްލަ 21 މީހަކު ޗެކުކުރެވުނު ކަމަށާއި، އޭގެ ތެރެއިން 14 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހިންގި އެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހިފަހައްޓާފައެވެ. މިގޮތުން ހިފެހެއްޓޭ ފަރާތްތައް ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރުމަށްފަހު، އެ މީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން ފާހަގަކުރެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް އެ އިދާރާއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ކުރިއަށް ގެންދިއުން ވެސް ހިމެނެއެވެ.
އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަމަށާއި، މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ވެސް ހަރުދަނާކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

