ލ. ހުޅިމެންދޫގައި ހޮޓަލް ސްކޫލަކާއި ރިސޯޓެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާމެންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސާ ޗާންސެލަރު ޑރ. ރަހީމާ އަބްދުއްރަހީމެވެ.
ރައީސް، އެ މަޝްރޫއާއި ގުޅޭގޮތުން ވިދާޅުވީ ހުޅިމެންދޫގައި ފަސް ތަރީގެ ރިސޯޓެއް ނޫނީ ހޮޓެލް ސްކޫލް ނުވަތަ ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމުގެ ތައުލީމާއި ތަމްރީން ދީ މީހުން އުފެއްދުމަށްޓަކައި ހޮޓެލް ސްކޫލް ގާއިމްކުރާ ގޮތަށް ހަވާލުކުރެވުނު މަޝްރޫއަކީ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް ފައިދާވާނެކަމެއް ކަމަށެވެ.
ހުޅިމެންދޫގައި ރިސޯޓް ހެދުމުން ވެގެން ދާނީ ފަތުރުވެރިކަން ކުރިއެރުވުމަށާއި މީހުން ބިނާކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

