ގދ.ތިނަދޫ އިން ކައްކާ ގޭސް ހުސްވެއްޖެ ކަމަށް ވެލްކޯ ޝިޕިން އެންޑް ޓްރޭޑްއިން ހާމަކޮށްފިއެވެ.
އެކުުންފުނީގެ ފަރާތުން “ހުވަދޫ” ނިއުސްއަށް މައުލޫމާތު ދެއްވަމުން އަހުމަދު ރަޝީދު ބުނާގޮތުގައި މިވަގުތު ތިނަދޫއިން ގޭސް ހުސްވެފައިވާ ކަމަށާއި ހަފްތާއެއްގެ މައްޗަށް 500 ފުޅި ތިނަދޫއަށް ބޭނުންވާ ކަމަށެވެ. މުޅިމަހަށް ބަލާލާއިރު 1200 ފުޅި ގޭސް ބޭނުންވީ ނަމަވެސް ކުންފުނީގެ ދަތުރުތައް ހަމަޖެހިފައި އޮންނަ ގޮތުން ތިނަދޫއަށް ގޭސް ދޯނި އަންނަނީ ހަފްތާއަކު އެއްދުވަހު ކަމަށް އަހުމަދު ބުންޏެވެ.
އަހުމަދު އިތުރަށް ފާހަނގަކުރި ގޮތުގައި ތިނަދޫއަށް ގޭސް ގެންނަތާ ދެތިން ދުވަސް ނުވަނީސް ހުސްވާތީ ގޭސް ލިބުމުގައި ދަތިތަކެއް ދިމާވަނީ ކަމަށެވެ.
މިވަގުތު އެރަށުން ގޭސް ހުސްވެފައިވީނަމަވެސް ކުރިޔަށް އޮތް ދެދުވަސްތެރޭ ގޭސް ލިބޭނެ ކަމަށް އަހުމަދު ބުންޏެވެ. މޫސުން ތަންނުދިނުމާއި ގުޅިގެން ގޭސް ލިބުމުގައި މިވަގުތު ދަތިތަކެއް އުޅެނީ ކަމަށް އެކުންފުނިން މައުލޫމާތުދިނެވެ.
މިހާރަކަށް އައިސް އަވަސް އަވަހަށް ރަށުން ގެސް ހުސްވުމަކީ ތިނަދޫގެ އާންމު ހާލަތެކެވެ. 12 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫގައި ކައްކާ ގޭހުގެ މައްސަލައަށް ހައްލެއް ނުލިބިިގެން ރައްޔިތުންގެ ޝަކުވާތައް މިވަނީ ގިނަވެފައެވެ.
މީގެ ކުރިން ތިނަދޫއަށް ގޭސް ގެންނަނީ އެސް.ޓީ.އޯ އިންނެވެ. އެހެންނަމަވެސް މިކަންތައް އައުޓް ސޯސް ކުރުމަށްފަހު ތިނަދޫއަށް ގޭސް ގެންނަނީ ވެލްކޯއިންނެވެ.

