ރާއްޖޭގައި ދިވެހިންނާ އިނދެގެން އުޅޭ ބިދޭސީންނަށް އާސަންދައިގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯއްދެވުމަށް ހުށަހެޅި ގަރާރު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގަނެފައެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (ކުޑޫ) އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި ގަރާރަށް ބަހުސްކުރުމަށްފަހު ނެގުނު ވޯޓުގައި 47 މެންބަރުން ވަނީ ގަރާރު ބަލައިގަތުމަށް ތާއީދުކުރައްވާފައެވެ. ގަރާރު ހުށަހަޅުއްވަމުން މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި ދިވެހިންނާ އިނދެގެން އުޅޭ އެތައް ބިދޭސީންނެއް ދިވެހި ރައްޔިތުކަން ހޯދަން ބޭނުންވެ، އެކަން ނުކުރެވި ތިބި ކަމަށާއި، މިފަދަ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ނުލިބޭކަން ފާހަގަކުރެއްވިއެވެ.
“ދިވެހި ސަރުކާރުން ލިބިދޭ ގާނޫނީ ހަމަހަމަކަމާއި މަންފާ ލިބުމަކީ އެމީހުންގެ ޙައްޤެއް. އެއީވެސް ދިވެހި އާއިލާތަކުގެ މުހިންމު ބައެއް،” ކުޑޫ ވިދާޅުވިއެވެ. އަދި އެތައް އަހަރެއް ވަންދެން ދައުލަތަށް ޚިދުމަތްކޮށްފައިވާ ބިދޭސީންނާއި، ގައުމީ ޓީމަށް ކުޅިވަރު ކުޅެފައިވާ ބިދޭސީންވެސް ރާއްޖޭގައި ދިރިއުޅެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ގަރާރަށް ބަހުސްކުރެއްވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވީ ރައީސް މުޢިއްޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެ ވެރިއެއްކަން އެމްޑީޕީގެ މެންބަރުންނަށްވެސް ވިސްނިވަޑައިގަންނަވާތީ ހުށަހެޅުއްވި ގަރާރެއްކަމަށެވެ. އަދި މި ގަރާރަށް ޕީއެންސީގެ މެންބަރުން ތާއީދުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ގަރާރުގެ ބަހުސްގައި ޕީއެންސީގެ މެންބަރުން ވަނީ ގަރާރަށް ފުރިހަމައަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ. އަދި މިއީ ވަރަށް މުހިންމު ގަރާރެއްކަމަށް ގިނަ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

