ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ ސަސްޕެންޑް ކޮށްފިއެެވެ. “ޖުޑިޝަލް ސާވިސް ކޮމިޝަން” (ޖޭއެސްސީ) އިން ނިންމައިފައިވަނީ އޭނާއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގައެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެެވެ. ޖޭއެސްސީން ބުނީ ސަސްޕެންޝަންގެ މި މުއްދަތުގައި ފަތުހުﷲ އަށް މުސާރަ ނުލިބޭނެ ކަމަށެވެ.
މީގެ ކުރިންވެސް ފަތުހުﷲ ޖަމީލްގެ މައްސަލައެއް 2023 ވަނަ އަހަރު ޖޭއެސްސީން ބެލިއެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް އޭރު ހުށަހެޅި ސުލޫކީ މައްސަލައެކެވެ. ނަމަވެސް، ޖޭއެސްސީން ވަނީ އެ އަހަރުގެ ތެރޭގައި އެ މައްސަލަ ނުބަލަން ނިންމައިފައެވެ.
ޖޭއެސްސީން އޭރު އެ މައްސަލައާއި ގުޅިގެން ބުނީ ކޯޓަށް ހުށަހެޅި، ގަޒިއްޔާއެއްގެ އަޑުއެހުމުގައި ދައުވާއަކަށް އިއުތިރާފުވެފައިވީ ނަމަވެސް، އެ ގަޒިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ނިންމައިފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމަށެވެ.

