ލަދުން ނުވަތަ ނުކެރިގެން، ދިރިއުޅުމުގައި ކޮންމެހެން ނޫނެކޭ ބުނަންޖެހޭ ވަގުތުތަކުގައި އެކަން ނުކޮށް ތިބުމަކީ މަދުން ނަމަވެސް މުޖްތަމަޢުގައި ފެންނަ އާދައެކެވެ. ޚާއްސަކޮށް ވަޒީފާގެ މާހައުލުތަކާއި ބައެއް އާއިލީ ގުޅުންތަކުން ވެސް މިކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ ދުވެލި ހަލުވިވެފައިވާ މިޒަމާނުގައި، އަމިއްލަ ވަގުތު ގުރުބާންކޮށްލުމަށްފަހު "ނޫނެކޭ" ބުނުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ހަރުކަށި، ބޭއަދަބީ އަދި އަނެކާއަށް ކުރާ އިޙުތިރާމު ކުޑަކުރެވޭ އަދި އަމިއްލަ އެދުން އިސްކުރުމުގެ ޢަމަލެކެވެ. ނަމަވެސް ޙަޤީގަތަކީ، ކޮންމެ ކަމަކަށް އާނއެކޭ ބުނުމަކީ، ތިމާގެ އަމިއްލަ ނަފުސަށް ގެއްލުންދީ، ވަގުތުގެ ބޭނުން ނުހިފޭ ހާލަތަކަށް ވެއްޓޭ ކަމެކެވެ. އަނެކާގެ ހިތްހަމަޖެހުން އިސްކުރުމަށްޓަކައި އަބަދުވެސް "އާނއެކޭ" ބުނުމަކީ، އަނެކާގެ ކުރިމަތީގައި ތިމާގެ ނަފްސުގެ އަގު އުފުލޭނެ ކަމެއް ނޫނެވެ. ބައެއް ފަހަރު މިކަމުގެ ސަބަބުން ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ކެރިގެން ‘ނޫނެކޭ، ބުނުމަކީ އަމިއްލަ ނަފުސަށް ކުރާ އިޚްތިރާމެއް
އެކަކު އަނެކަކަށް އެހީވުމަކީ އިސްލާމްދީން ވެސް ބާރު އަޅާ އަޚުލާޤީ ރިވެތި އާދައެއް ކަމުގައިވިޔަސް، ކޮންމެ ކަމެއްގައި ވެސް ވަކި ހައްދެއް ނުވަތަ މިންވަރެއް އޮންނަންޖެހެއެވެ. ބައެއް މީހުން ބުއްދީގެ ބޭނުންކޮށްގެން، ކަންފަސޭހަ ކޮށްލުމަށްޓަކައި އެހެން ފަރާތްތައް މެދުވެރިކޮށް ކުދިކުދި ކަންކަން ކުރުވާލުމަކީ ވެސް މުޖްތަމަޢުގައި ފެންނަ ކަމެކެވެ. ތިމާއާ މެދު މިފަދަ ގޮތަކަށް ޢަމަލުކުރެވޭ ކަމަށް އިޙުސާސް ކުރެވޭނަމަ، އެކަން ބަދަލުކުރުމުގެ ބާރު ތިމާއަށް ލިބިފައިވެއެވެ. ކެރިގެން "ނޫނެކޭ" ބުނަންޖެހޭ ވަގުތުތަކުގައި އެކަން ކުރުމުން، ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ވަރަށް އަވަހަށް އައުން ގާތެވެ. "ނޫނެކޭ" ބުނަން ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ ވެސް، އެކަމަކަށް ޝައުޤުވެރިކަމެއް ނެތްކަމުގެ ސިގުނަލެއް ދިނުން ނުވަތަ ތިމާގެ ޝެޑިއުލްގައި އެ ވަގުތު އެކަމަށް ދެވެން ނެތްކަމަށް ރީތިކޮށް ބުނެވިދާނެއެވެ. މިއީ ތިމާގެ ވަގުތާއި ހަކަތަ ރައްކާތެރިކުރުމަށްޓަކައި ކުރާ އަމިއްލަ ނަފުސަށް އަޅާލުމުގެ ޢަމަލެކެވެ.
ނޫނެކޭ ބުނުމުގެ އުކުޅުތަކާއި ކަންކުރާނެ ގޮތް
ނޫނެކޭ ބުނުމަކީ ފަހަރެއްގައި ފުރަތަމަ ފަހަރު އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް މިކަން ދަސްކޮށް، އަމިއްލަ ދިރިއުޅުމުގައި ސާފު ހައްދުތަކެއް ޤާއިމުކުރުން މުހިންމެވެ. މިކަން ކުރުމަށްޓަކައި ބައެއް އުކުޅުތައް ބޭނުންކުރެވިދާނެއެވެ:
1. ސީދާ އަދި ސާދާކޮށް ވާހަކަ ދެއްކުން: އިތުރު ބޭނުންނުވާ ވާހަކަތަކެއް ދައްކައިގެން ނުވަތަ ފަސްޖެހިގެން ނޫނެކޭ ނުބުނާށެވެ. ބުނަންޖެހޭ ވާހަކަ ސީދާކޮށް ބުނުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއްވެސް އުއްމީދެއް ދެވޭނެ ބަހެއް ބޭނުންނުކުރާށެވެ.
2. "އަހަރެން"ގެ ބަސްތައް ބޭނުންކުރުން:އަނެކާގެ އެދު މަށްވުރެ ތިމާގެ ބޭނުންތަކާ ގުޅުވައިގެން ޖަވާބު ދޭށެވެ. މިސާލަކަށް: "މިވަގުތު އަހަރެންނަށް އިތުރު ކަމަކަށް ވަގުތެއް ނެތް" މިފަދަ ބަސްތައް ބޭނުންކުރާށެވެ.
3. ހަރުދަނާ އަދި އެއްގޮތް ވިސްނުމެއްގައި ހުރުން: ނޫނެކޭ ބުނެފިނަމަ، އެ ނިންމުމުގައި ހަރުދަނާކޮށް ހުންނާށެވެ. އެންމެ ފަހުން ބާރު އަޅައިގެން ބަދަލުކުރުމަށް މަގު ނުހުޅުވާށެވެ.
4. އެހެން ގޮތްތަކެއް ހުށަހެޅުން (ކުޅަދާނަ ނަމަ):; އެހީވާން ބޭނުންނަމަވެސް އެދިގަތްގޮތަށް ނުކުރެވޭނަމަ، އެހެން ވަގުތަކަށް ނުވަތަ އެހެން ގޮތަކަށް އެހީތެރިކަން ދެވިދާނެކަން ބުނެދޭށެވެ.
5. ޖަވާބުދިނުމަށް ވަގުތު ނެގުން : ތިމާގެ މަސައްކަތްތައް ހުރިގޮތް ބަލާފައި ޖަވާބުދޭން، ވަގުތު ހޯދުމަކީ ރަނގަޅު ކަމެކެވެ. "އަހަރެން ޝެޑިއުލް ބަލާފައި ޖަވާބު ދޭނަން" މިފަދައިން ބުނެވިދާނެއެވެ.
އެފަދަ ހާލަތްތަކުގައި ކެރިގެން އަނެކާއާ ކުރިމަތިލުމަށް އަމިއްލަ ނަފުސު ތައްޔާރުކުރެވިދާނެއެވެ. މިފަދަ ކޮންމެ ދަނޑިވަޅަކީ ތިމާއަށް ބަހުގެ ހަމަލާއެއް އައިސްދާނެ ކަމުގެ ދަނޑިވަޅެއް ކަމުން، ކުރިއާލާ އެކަމަށް ތައްޔާރުވުމަކީ ވެސް ބުއްދިވެރި ގޮތެކެވެ.
ނޫނެކޭ ބުނުމުގެ ނަތީޖާ
ބައެއް ފަހަރު ކަންކަމަށް އެއްބަސް ނުވެ ނޫނެކޭ ބުނުމަކީ އަނެކާއަށް ހެޔޮއެދިގެން ކުރާ ކަމެއްގެ ގޮތުގައި ދެކި، އަމިއްލަ ސިކުނޑިއަށް ލުއި ލިބިގެން ދެއެވެ. ޙަޤީޤަތުގައި ވެސް، މިފަދަ ދަނޑިވަޅުތަކުގައި ނޫނެކޭ ބުނުމަކީ އަނެކާ އެދުނު ކަން އިހުނަށްވުރެ ފަރުވާތެރިކަމާއެކު ކުރުމަށް ބާރު އަޅައިދީ، އެމީހާގެ އުފެއްދުންތެރިކަން އިތުރުކޮށްދިނުމަށް ވެވޭ ވަރަށް މުހިއްމު އެހީތެރިކަމެކެވެ. މީގެ އިތުރުން، އެކަން ނުކުރެވޭނެކަމަށް ކެރިގެން ބުނެލުމަކީ، ތިމާގެ ބަސް ވަކި ހިސާބަކަށް ހިނގާކަން ދައްކުވައިދޭ ކަމެކެވެ. މިކަމުގެ ސަބަބުން މީހުން ތިމާއަށް އިތުރަށް އިޙްތިރާމު ކުރަން ފަށައެވެ. އެހެންކަމުން، ނޫނެކޭ ބުނުމަކީ ތިމާގެ ނަފުސުގެ އަގު ދަށްވާ ކަމެއް ނޫންކަން ދަނެގެން، ބޭނުން ހިސާބެއްގައި ނޫނެކޭ ބުނުމަކީ ކޮންމެހެންވެސް ދަސްކުރަންޖެހޭ ހުނަރެކެވެ.

