ކާތަކެތީގެ ރަހަ މީރުވުމަކީ ނުވަތަ މީރު ކާއެއްޗެއް ކެއުމަކީ ދިރިއުޅުމުގައި އެންމެ ބޮޑު އެއް ހިތްހަމަޖެހުން އަދި އެންމެ މުހިންމު އެއްބައިކަން ގައިމެވެ. އަދި މިކެއުން ކައްކާ މީހުންނަށްވެސް ރަހަ މީރު ކުރުން އެހާ ހާއްސައެވެ. ނަމަވެސް ކެއްކުމުގައި ބޭނުންކުރާ ބައެއް ބާވަތްތަކުގެ، ޚާއްޞަކޮށް ފިޔާ، ލޮނު އަދި އެނޫންވެސް ވަސް ގަދަ ތަކެތީގެ ވަސް، އަތުގައި ހަރުލާފައި ހުރެ ފިލުވަން އުނދަގޫވުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
ރޯ ފިޔަލުގައި ހުންނަ ސަލްފާ ކޮމްޕައުންޑްތަކުގެ ސަބަބުން، ހަމަ ރަނގަޅަށް އަތް ނުދޮވެ ހުރެއްޖެނަމަ، އެ ވަސް އެއް ގަޑިއިރުން ފެށިގެން ދެ ދުވަސް ވަންދެންވެސް ދެމިހުރެދާނެއެވެ. މި ވަހަކީ ވަރަށް އުނދަގޫ، އަދި ބައެއް ފަހަރު އަންނައުނުގައިވެސް ހަރުލާ ވަހެކެވެ. މި މައްސަލައަށް ގޭގައި ލިބެން ހުރި ފަސޭހަ ތަކެތި ބޭނުންކޮށްގެން ހައްލެއް ހޯދާނެ ގޮތްތަކާއި، ވަސް ނައްތާލުމަށް ބޭނުންކުރެވޭ އެންމެ އަޖައިބު ކުރުވަނިވި ގޮތްތައް މިއަދުގެ ފަތިސްތަރީގައި ހިމަނާލާނަމެވެ.
ވަސް އަތުގައި ހަރުލުމުގެ ކުރިން އެކަން ކުޑަ ކުރުމަށްޓަކައި ބޭނުން ކުރެވިދާނެ ވަރަށް ފަސޭހަ ގޮތްތަކެއްވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ގޮތަކީ ވަސްގަދަ ބާވަތްތައް މޮޑުމުގެ ކުރިން ޑިސްޕޯސަބްލް ގްލަވްސް ބޭނުންކުރުމެވެ. މިކަމުގެ ސަބަބުން ސީދާ އަތުގެ ހަމަށް ސަލްފާ ކޮމްޕައުންޑްތައް ވާސިލުވުން ކުޑަވެ، ވަސް ހިފެހެއްޓުން މަދުކޮށްދެއެވެ. ނަމަވެސް ބައެއް މީހުންނަށް ކައްކާއިރު ގްލަވްސް ބޭނުންކުރުން ފަސޭހަ ނުވެދާނެއެވެ. އެހެންކަމުން ވަސް އަތުގައި ވަސް ހިފައިފިނަމަ އެ ވަސް ނައްތާލުމަށްޓަކައި ބޭނުންކުރެވިދާނެ ތަފާތު ގޮތްތައް ތިރީގައި މިވަނީއެވެ.
ފިޔާ ވަސް ނައްތާލުމަށްޓަކައި ވަރަށް ގިނަ ކެމިކަލް އަދި އެބްރޭސިވް ގޮތްތައް ބޭނުންކުރެވެއެވެ. މިގޮތްތަކުގެ މަޤްޞަދަކީ ވަސް ރައްކާކުރާ ސަލްފާ ކޮމްޕައުންޑްތައް ނިއުޓްރަލައިޒްކޮށް، ހަމުގެ ފަށަލައިން ފޮހެލުމެވެ.
ބޭކިން ސޯޑާ އާއި ލޮނު: ތަށި ދޮންނަ ސައިބޯނި (ޑިޝް ސޯޕް) އާއި ބޭކިން ސޯޑާ ނުވަތަ ލޮނު އެއްކޮށްގެން އަތް ދޮވުމަކީ ވަކި ވަރަކަށް ވަސް ނައްތާލައިދޭނެ ގޮތެކެވެ. މި ތަކެތި ބޭނުންކޮށްގެން އެންމެ މަދުވެގެން 20 ސިކުންތަށް އަތް ދޮވެ، ފަހުން ފިނި ފެނުން ދޮންނަން ވާނެއެވެ. ބޭކިން ސޯޑާ އާއި ލޮނުގައި ހުންނަ އެބްރޭސިވް ސިފަ އަކީ ހަމުގެ ފަށަލައިގައި ހިފާފައިވާ ވަހުގެ މޮލިކިއުލްސް ނައްތާލުމަށް އެހީވެދޭނެ ކަމެކެވެ.
ބޭކިން ސޯޑާ ޕޭސްޓް ހެދުމަށްޓަކައި އެއް ސަމުސާ ބޭކިން ސޯޑާ ކުޑަ ފެނާ އެކު މިކްސްކޮށް ޕޭސްޓަކަށް ހަދައިގެން 30 ސިކުންތުވަންދެން އަތުގައި އުނގުޅާލާށެވެ.
ދަތްއުނގުޅާ ބޭސް އަދި އަނގަދޮންނަ ފެން: އެހެން ގޮތެއްގެ ގޮތުގައި، ދަތް އުނގުޅާ ބޭހާ އެކު މައުތު ވޮޝްއިން (އަނގަ ދޮންނަ ފެން) ގެ ބޭނުންކޮށްގެން 30 ސިކުންތުން 60 ސިކުންތަށް އަތް ދޮވެލެވިދާނެއެވެ. ދަތްއުނގުޅާ ބޭހުގެ އެބްރޭސިވްކަމުގެ ސަބަބުން ވަސް ދުރުކޮށްލުމަށް އެހީތެރިވާ އިރު، މައުތު ވޮޝްގައި ހިމެނޭ އެންޓިސެޕްޓިކް މާއްދާތަކުން ވަހުގެ ކޮމްޕައުންޑްތައް ނިއުޓްރަލައިޒްކޮށްދެއެވެ.
ލުނބޯ ހުތް އަދި ވިނެގަރ: ލުނބޯ ނުވަތަ ވިނެގަރގައި ހިމެނޭ އެސިޑްގެ ސިފައަކީ ފިޔާ ވަހުގެ ބޭސް ކޮމްޕައުންޑްތައް ނިއުޓްރަލައިޒް ކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ. ލުނބޯ ދިޔަ ނުވަތަ ވިނެގަރ އަތުގައި ލާފައި ހާކާލުމުން ވަސް ފިލައިގެން ދާނެއެވެ. ބައެއް ރެސްޓޯރެންޓްތަކުގައި ކައި ނިމިގެން ވެސް ލުނބޯ ދިޔަ އެޅި ފެން ބޭނުންކުރާކަން ފާހަގަކުރެވެއެވެ. ދޮވުމަށްފަހު އަތް ރަނގަޅަށް ފެނުން ދޮންނަން ވާނެއެވެ.
ކޮފީ އަދި ސްޓެއިންލެސް ސްޓީލް؛ ވަސް ނެތިކޮށްލުމަށް ބޭނުންކުރެވޭ އެހެން އަޖައިބު ކުރުވަނިވި 2 ގޮތަކީ ކޮފީ އަދި ސްޓެއިންލެސް ސްޓީލް ބޭނުންކުރުމެވެ.
ކޮފީ ގްރައުންޑްސް: ކޮފީ ބީންސް ނުވަތަ މުގުރާފައި ހުރި ކޮފީ (ކޮފީ ގްރައުންޑްސް) އަތުގައި އުނގުޅައިގެން ވަސް ނިއުޓްރަލައިޒް ކުރެވިދާނެއެވެ. ކޮފީގައި ހުންނަ ވަހަކީ ވަރަށް ގަދަ ވަހެކެވެ. އެހެންކަމުން ކޮފީގެ ވަހުން ފިޔާގެ ވަސް ނައްތާލުމަށް އެހީވެއެވެ. 30 ސިކުންތު ވަންދެން ކޮފީ އަތުގައި އުނގުޅާލުމަށް ފަހު ރަނގަޅަށް ފިނި ފެނުން ދޮންނާށެވެ.
ސްޓެއިންލެސް ސްޓީލްގެ ހައްލު: ފިޔާ ވަހުން ސަލާމަތްވުމަށް އެންމެ އާދައިގެ އަދި އެންމެ އަޖައިބު ކުރުވަނިވި ގޮތަކީ ސްޓެއިންލެސް ސްޓީލްގެ ސަމުސަލެއް، ސްޓީލްގެ ބާއެއް ނުވަތަ އެހެންވެސް ސްޓީލް އެއްޗެއް އަތުގައި ހާކާލުމެވެ. މީގެ އެންމެ ފަސޭހަ ގޮތަކީ ސްޓެއިންލެސް ސްޓީލްގެ މައްޗަށް ފިނި ފެން އޮހޮރޭ ގޮތަށް އަތް ބާއްވައިގެން، އެ ސްޓީލް އެތި އަތުގައި އުނގުޅާލުމެވެ. ސައެންޓިފިކް ގޮތުން ބަލާއިރު، މިގޮތަށް އަމަލުކުރުމުން ފިޔާގައި ހިމެނޭ ސަލްފާ މޮލިކިއުލްތައް އެ ސްޓީލްއަށް އެޓްރެކްޓް (ދަމައިގަނެ) ވެ، އެވަސް ފިލުވައިލުމަށް ފަސޭހަވެގެން ދެއެވެ. މިފަދަ ސައިބޯނި ނުވަތަ ސްޓެއިންލެސްސްޓީލް ބަރ) އެއް ޚާއްޞަކޮށް މި ކަމަށްޓަކައި ތައްޔާރުކޮށް، މިހާރު މާކެޓަށް ވިއްކަން ނެރެފައިވެސް ހުރެއެވެ.
ފިޔާ ކޮށުމަށްފަހު އަތުން ދުވާ ނުބައި ވަސް ފިލުވާލުމަށްޓަކައި ބޭކިން ސޯޑާ އާއި ފެނުން ދޮވުން، ނުވަތަ ސްޓެއިންލެސް ސްޓީލްއެއްގައި އަތް އުނގުޅުން، ނޫނީ ލުނބޯ ހުތް ބޭނުންކުރުން ފަދަ ތަފާތު ގޮތްތައް ބޭނުންކުރެވިދާނެއެވެ. މި ހުރިހާ ގޮތްތަކުގެ މައިގަނޑު މަގުސަދަކީ ފިޔާގައި ހުންނަ ސަލްފާ ކޮމްޕައުންޑްތައް ނިއުޓްރަލައިޒްކޮށް ނެތިކޮށްލުމެވެ. އެހެންކަމުން، ދެން ފިޔާ ކޮށަން ޖެހިއްޖެނަމަ، މިއަދުގެ ފަތިސްތަރީގައި ބުނެދެވުނީ މިކަމަށް ހައްލު ހޯދުމަށް ފަސޭހަ އަދި އަވަސް ގޮތްތަކެއްކަން ޔަޤީނެވެ.

