ރާއްޖޭގެ ޤައުމީ ޓީމުގެ މަޝްހޫރު ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ) ގެ ހުތުރު އަމަލަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
އަވަށްޓެރި ޝްރީލަންކާގައި މިވަގުތު ކުޅެމުންދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗު ކުޅުމުގެ ތެރޭގައި އަޑުބަރޭ ވަނީ ޝީސެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް އުޅަބޮށިން ހަމަލާ ދީފައެވެ. އެވަގުތު ބޯޅަ އޮތީ އެހެން ދިމާލެއްގައި ކަމުން އެއީ އޭނަ ގަސްތުގައި ހިންގި އަނިޔާވެރި އަމަލެއްކަން ހާމަވެގެންދެއެވެ.
އޭނަގެ މިއަމަލާއެކު އޭނައަށް ރަތްކާޑު ދައްކާ ދަނޑުން ބޭލިނަމަވެސް މިއީ ދިވެހި ރާއްޖެއަށް ލިބިގެން ދިޔަ ހުތުރު ނަމެކެވެ.
އަޑުބަރޭ ސްޓީވަށް ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު އެ ވީޑިއޯއަށް ކޮމެންޓް ކުރައްވަމުން ރައީސް މައުމޫން ވިދާޅުވެފައިވަނީ އަޑުބަރޭ ހިންގީ ހަޑިހުތުރު އަމަލެއް ކަމަށާއި އެކަށީގެންވާ ފިޔަވަޅު އެޅުއްވުމަށެވެ.
މައުމޫންގެ އިތުރުން ގިނަ ބަޔަކު ދަނީ އެވީޑިޔޯއަށް ކޮމެންޓު ކުރަމުންނެވެ. ގިނަ ބަޔަކު ބުނެފައިވަނީ އަޑުބަރޭ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައި ހުރެ ނުފޫޒްގެ ބޭނުންކޮށްގެން ޤައުމީ ޓީމަށް ކުޅެނީ ކަމަށާއި އޭނައަށް ރަނގަޅަށް ނުކުޅެވޭ ކަމަށެވެ.
އަޑުބަރޭގެ މިއަމަލުގެ ސަބަބުން ދިވެހި ރައްޔިތުންގެ ބޮލުގައި ހުތުރު ބަދުނާމް އަޅުވަމުން ރާއްޖޭގެ ޓީމް މިވަނީ މިމުބާރާތުން ކަޓާފައެވެ.

