މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިޕާޓްމަންޓްތަކުން ތައްޔާރުވުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ ސީސީއޯ މުހައްމަދު މިހާދު ވިދާޅުވީ، އެމްއޭސީއެލްއަކީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު، އެކަމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ. އެގޮތުން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިއަދު ބާއްވާ ބައްދަލުވުމަކީ އެމްއޭސީއެލްގައި ބާއްވަމުން އަންނަ އެންމެ މުހިންމު ބައްދަލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާދު އިތުރަށް ވިދާޅުވީ، އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް، އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެވެސް މަތީ ފެންވަރަށް ހިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުންވެސް ބަދަލުވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާފައިވާއިރު، ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާއި އާ އަހަރަށް ދިމާވާ ދުވަސްވަރަކީ އެއަރޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. އެގޮތުން މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 7,558 ފްލައިޓް އޮޕަރޭޓް ކޮށްފައިވެއެވެ.

