ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށް ފަހު ޝަރަފްވެރިކަމާއެކު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގު މިއަދު ވަޒަންކޮށްފިއެވެ. މިކަމަށްޓަކައި ސްޓެލްކޯގައި ހާއްސަ ހަފްލާއެއް ބާއްވާފައިވެއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުންޏަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބައެއް މުވައްޒަފުން ޝަރަފްވެރިކަމާއެކު ހިދުމަތުން ރިޓަޔާ ކުުރުމާއި ގުޅިގެން، އެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ހާއްސަ ހަފްލާއެއް ބާއްވާފައިވާ ކަމަށެވެ. މި ހަފްލާގައި ކުންފުނީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދު ޝަރަފްވެރިކަމާއެކު ހިދުމަތުން ރިޓަޔާ ކުރެއްވި ދެ މުވައްޒަފުންނަކީ:
- ސީނިއާ ސްޓޭޝަން ސުޕަވައިޒަރު އަޙްމަދު ސަމީރު: އެ ކުންފުންޏަށް 28 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ.
- ސަވިސް ސުޕަވައިޒަރު އިބްރާހިމް އަޙްމަދު: އެ ކުންފުންޏަށް ފަސް އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ.
ސްޓެލްކޯގެ ފަރާތުން ވަނީ އެ މުވައްޒަފުންނަށް ހަނދާނީ ފިލައާއި ބެޖް އަރުވާފައެވެ. މި ހަފްލާ ބޭއްވުމުގެ ބޭނުމަކީ ކުންފުންޏަށް ދިގު މުއްދަތެއްގައި ހިދުމަތްކޮށްދެއްވި މުވައްޒަފުންނަށް ޝުކުރު އަދާކޮށް، އެބޭފުޅުންގެ މަސައްކަތުގެ އަގުވަޒަންކުރުމެވެ.
1949 ވަނަ އަހަރު އުފެދުނު ސްޓެލްކޯއިން އެންމެ ފުރަތަމަ ކަރަންޓް ފޯރުކޮށްދިނީ މާލޭގެ 50 ގެއަކަށެވެ. އެއިރު މި ކުންފުނި ހިންގަމުން އައިސްފައި ވަނީ ސަރުކާރުގެ ޑިޕާޓްމެންޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް 1997 ވަނަ އަހަރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ބަދަލުވުމާއެކު ކުންފުނި ވަނީ ވަރަށް ބޮޑަށް ފުޅާ ވެފައެވެ. މިގޮތުން މިހާރު ސްޓެލްކޯއިން ރާއްޖޭގެ އެކި ރަށްރަށުގައި 35 އިންޖީނުގެއަކާއި، ހަތް ވޯޓާ ޑީސެލިނޭޝަން ޕްލާންޓަކާއި، ފަސް ނަރުދަމާ ނިޒާމެއް ބަލަހައްޓައި، 80،973 ކަސްޓަމަރުންނަށް ކަރަންޓް ފޯރުކޮށްދެމުންނެވެ.
ސްޓެލްކޯއަކީ އެ ކުންފުނީގައި ގިނަ އަދަދެއްގެ ދުވަސްވީ މުވައްޒަފުންވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

