ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދޭން ފަށައިފިއެވެ. މިއީ މިފްލެޓްތަކަށް ބަދަލުވާން ތައްޔާރުވަމުންދާ އެތައް ހާސް އާއިލާއަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
އެފްޑީސީން މިހާރު ދަނީ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ބާރަށް ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކަށް މިހާރު ތަޅުދަނޑި ލިބި، ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމާއެކު މި މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
ސްޓެލްކޯއިން މިއަދު ވިދާޅުވީ، ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް މިއަދު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މި ފްލެޓުތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ބޮޑު ލޯނެއްގެ ދަށުން އަޅާ ފްލެޓުތަކެކެވެ. މިއީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ހިންގި ބޮޑު މަޝްރޫއެކެވެ.
އެ މަޝްރޫއަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގައި ޖުމްލަ 32 ޓަވަރު ހިމެނޭއިރު، އޭގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެންބީސީސީންނެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ޖޭއެމްސީންނެވެ.
މި ޓަވަރުތަކުގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1,200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2,800 އެޕާޓްމަންޓެވެ. މި ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދޭން ފެށުމާއެކު، ފްލެޓް ލިބިފައިވާ ފަރާތްތަކުން އުފާ ފާޅުކުރަމުން އެބަދެއެވެ.

