ށަވިޔާނީ އަތޮޅު ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަށްޓަކައި، އެރަށުގައި ހުރި ކުރީގެ މިސްކިތް ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން ފޯކައިދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ އިސްލާމީ މަރުކަޒު އެޅުމަށް ސޮއިކުރެވިފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ށ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
އިމާރާތް ކުރެވޭ މި އިސްލާމީ މަރުކަޒުގައި 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ހޯލަކާއި، 300 މީހުންގެ ޖާގައިގެ މަލްޓި-ޕާރޕަސް ހޯލެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ތިން ކްލާސްރޫމާއި ލައިބްރަރީއެއްގެ އިތުރުން، ކޮންފަރެންސް ހޯލަކާއި، އިމާމު ރޫމަކާއި އޮފީސް ބައެއް އަދި ހިނަވާ ގެއެއް ވެސް ހިމެނޭނެއެވެ. މުޅި މަރުކަޒުގައި ސޯލާ ހަރުކޮށް، އެއަރކޮންޑިޝަން ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދެހާސް މީހުންގެ އާބާދީއެއް ދިރިއުޅޭ ފޯކައިދޫ ރައްޔިތުންނަށް މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމުމާއެކު، ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެއެވެ.
މި މަޝްރޫޢަކީ 25.41 މިލިއަން ރުފިޔާއަށް، 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

