މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުގެ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 11 ގައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދެ ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. އެއީ އެމްޓީސީސީ އާއި މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ.
އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި، އަދި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީން މިރޭ ވަނީ ރަސްފަންނުގެ ފެން ހިންދާ ނިޒާމު ހެދުމުގެ މަސައްކަތް ނިންމާލާފައިވާކަން ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާއްމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފަސޭހައަކަށް ފާހާނާ ބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރުފަދަ ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.
ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ރަސްފަންނު ހުޅުވާފައިވަނީ 2016 ވަނަ އަހަރުއެވެ. އެއިރު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ.

