ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ އެ ޤައުމުގެ އެންމެ މަޝްހޫރު ދާރުލްއާސާރު ކަމަށްވާ ލޫވްޚައިން އަގުބޮޑު ޖަވާހިރުތަކެއް ވަގަށް ނެގި މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފިއެވެ. މި ވައްކަން ހިންގާފައިވަނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ރޯމާދުވާލުއެވެ. ވަގަށް ނަގާފައިވާ ޖަވާހިރުތަކުގެ އަގު 102 މިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.
މި ވައްކަމުގެ ހާދިސާ ހިނގާފައިވަނީ ހަތަރު މީހަކު ލޫވްޙައަށް ވަދެ، ފަރަންސޭސިވިލާތުގެ ކުރީގެ ރަސްރަސްކަލުންނާއި ރަނިކަނބަލުން ގެންގުޅުއްވި ތާރީޚީ އަދި އަގުބޮޑު ޖަވާހިރާއި ގަހަނާ ވަގަށް ނެގުމުގެ ސަބަބުންނެވެ. ޖުލްލަ އަށެތި ވަގަށް ނަގާފައިވާ މި ހާދިސާގައި، ވަގުން ދާރުލްއާސާރަށް އެތެރެވެފައިވަނީ އިމާރާތުގެ ބޭރުގައި އޮތް ޓްރަކެއްގައި އަޅާފައިވާ ކެރޭނެއް ބޭނުންކޮށްގެން މަތީ ފަންގިފިލާއެއްގެ ކުޑަދޮރާ ހަމައަށް ގޮސް، އެ ކުޑަދޮރު ތަޅާލައި އެތެރެއަށް ވަނުމަށް ފަހުގައެވެ. ވައްކަން ކުރުމަށްފަހު، އެމީހުން ވަނީ ޖަވާހިރުތައް ލާފައި ހުރި ބިއްލޫރި ފޮށިތައް ތަޅާލައި، އެ ތަކެތި ނަގައި، ސައިކަލުތަކެއްގައި އެ ސަރަޙައްދު ދޫކޮށް ގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30ގެ އަހަރުތައް ގުނަމުންދާ ދެ މީހެކެވެ. އެ ދެ މީހުންނަކީ ވެސް ފަރަންސޭސިވިލާތުގެ އެންމެ ފަޤީރު އެއް ސަރަޙައްދު ކަމަށްވާ ސެން ސާން ދަނީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފަރަންސޭސިވިލާތުން ފުރައިގެން އަލްޖަޒާއިރަށް ދިޔުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފަރަންސޭސިވިލާތުގެ ޗާލް ޑު ގޯލް ވައިގެ ބަނދަރުންނެވެ. ނަމަވެސް، މިހާތަނަށް ރަސްމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި ވަގަށް ނަގާފައިވާ ޖަވާހިރުތަކުގެ އެއްވެސް މިންވަރެއް އަދި ހޯދިފައެއް ނުވެއެވެ.
މައްސަލައިގެ ތަހުޤީޤާ ގުޅޭ މަޢުލޫމާތުތައް އާންމުވަމުންދާތީ، ފަރަންސޭސިވިލާތުގެ ޕްރޮސެކިއުޓަރު ލައު ބިކިއު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި ފަދަ މަޢުލޫމާތުތައް އާންމުވުމަކީ ތަހުޤީޤަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި، އެއްވެސް ތަފްޞީލީ މަޢުލޫމާތެއް ޙިއްޞާކުރަން އަދި މާ އަވަސްކަމަށެވެ.
ލޫވްޚާ ދާރުލްއާސާރާއި ވައްކަމުގެ ހާދިސާތައް
ލޫވްޚައަކީ އަހަރެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ދާރުލްއާސާރެވެ. އަހަރަކު 8.7 މިލިޔަން މީހުން ޒިޔާރަތްކުރާ މި ދާރުލްއާސާރުގައި މަޝްހޫރު ކުރެހުމެއް ކަމަށްވާ މޮނަ ލީސާ ވެސް ހުރެއެވެ. ލޫވްޚަ ދާރުލްއާސާރަކީ ވަގުންގެ ކަޅި ވަރަށް ގިނައިން އަމާޒުވާ ތަނެކެވެ. 1911 ވަނަ އަހަރުގެ ތެރޭގައި އެ ދާރުލްއާސާރުން މޮނަ ލީސާ ވެސް ވަގަށް ނަގާފައިވެއެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން އެ ކުރެހުން ވަނީ އިޓަލީވިލާތުގެ ފްލޮރެންސުން ފެނިފައެވެ. އަދި 1983 ވަނަ އަހަރު ވެސް އެ ދާރުލްއާސާރުން ތާރީޚީ ގޮތުން މުހިންމު ދެ އެއްޗެއް ވަގަށް ނަގާފައިވެއެވެ. އެ ތަކެތި ހޯދުނީ އޭގެ 40 އަހަރު ފަހުންނެވެ.
ފާއިތުވި ދުވަސްތަކުގައި ފަރަންސޭސިވިލާތުގެ އެކި ދާރުލްއާސާރުތަކުގައި ވައްކަމުގެ ހާދިޘާތައް ހިނގާފައިވެއެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ޕެރިސްގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމުން 600,000 ޔޫރޯގެ ރަން ވަގަށް ނަގާފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އެހެން ދާރުލްއާސާރަކުން ރޯމާދުވާލު ވައްކަންކޮށްފައިވެއެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ދާރުލްއާސާރުތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން ވަނީ ފާހަގަވެފައެވެ.

