ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އަދި މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދުގެ ފުރަތަމަ މަންޒިލު އޮޅުވެލިފުށްޓަށް ވަޑައިގެންފިއެވެ.
ޅ. އޮޅުވެލިފުއްޓަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސް އޮޅުވެލިފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ ގިނަ މަޝްރޫޢުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ޅ. އޮޅުވެލިފުށީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާދެއްވުމަށާއި، އެރަށުގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމުގެ މަސައްކަތް ފަށްޓަވާދެއްވުމުގެ އިތުރުން، އެރަށުގައި އަލަށް އިމާރާތްކުރެވޭ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވުން ހިމެނެއެވެ.
މީގެ އިތުރުން، އެރަށުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިމާރާތް އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމަ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އޮޅުވެލިފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި މާލެ އަތޮޅުން އެމަނިކުފާނު ވަޑައިގަންނަވާނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

