ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޅ. އޮޅުވެލިފުށީގައި ފުލުހުންގެ މަރުކަޒަކާއި، ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި ދެ މަޝްރޫއުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް
ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ.
މި މަސައްކަތުގެ ތެރެއިން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތައް އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. ރާއްޖޭގައި ކުށް މަދުކުރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި ގޭންގް މާރާމާރީތަކަށް ހައްލު ގެނައުމަށް ސަރުކާރުން އިސްކަންދޭއިރު، ފުލުހުންގެ ހިދުމަތް ރަށްރަށަށް ފުޅާކުރުމަކީ މި މަގްސަދުތައް ހާސިލުކުރުމަށް މުހިންމު ކަމެކެވެ.
ގުރުއާނާބެހޭ މަރުކަޒުގެ ގޮފި ގާއިމުކުރުން
ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ.
މި މަޝްރޫއުގެ އަމާޒަކީ މިއަހަރުގެ ބާކީ އޮތްތަނާއި ދެން އޮތް ތިން އަހަރާ އެކު ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ގޮފިތައް ގާއިމުކުރުމެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ގޮފިތައް ގާއިމުކުރާނީ އެރަށެއްގެ އާބާދީގެ ނިސްބަތުންނާއި، ބިން އޮތް މިންވަރަކުން އަދި ފެސިލިޓީ ހުރި މިންވަރަކަށް ބަލައިގެންނެވެ. ރައީސް ވަނީ މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމީ ޔުނިވާސިޓީގެ ކެމްޕަސްތައް ގާއިމުކުރެވެމުންދާކަން ވެސް ފާހަގަކުރައްވާފައެވެ.

