ސްރީލަންކާގައި އިއްޔެ ކުރިޔަށް ދިޔަ ސީޝެލްސް އާއި ރާއްޖެ ބައްދަލުކުރި މެޗުގައި ޤައުމީ ޓީމުގެ ކުޅުންތެރިޔާ އަހްމަދު އަސްހަދު (އަޑުބަރޭ) ހިންގި އަނިޔާވެރި އަމަލަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ވެގެންދާނީ ޖޯކަކަށް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެތް) ކުރި ސުވާލަކަށް ޖަވާބުދާރީ ވަމުން މަހުލޫފް ވިދާޅުވީ ފުޓްބޯޅަ މެޗެއްގައި ހިނގާކަމަކާއި ގުޅިގެން ޔޫތް މިނިސްޓަރުގެ ހައިސިއްޔަތުން ކުޅުންތެރިއަކަށް “ފިޔަވަޅު އަޅަން ޖެހުނީމާ ވާނީ ޖޯކަކަށް” ކަމަށާއި ކުޅުންތެރިންނަށް ފިޔަވަޅު އަޅާނީ އޭއެފްސީން ނޫނީ ފީފާއިން ކަމަށެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ އަޑުބަރޭގެ ފަރާތުން ފެނިގެން ދިޔައީ އުއްމީދުކުރި ކަހަލަ އަމަލެއް ނޫން ކަމަށާއި ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ނުވަތަ އަޑުބަރޭ ޤައުމީ ޓީމަށް ނުނެގުމަށް އެފްއޭއެމްގައި ނުދަންނަވާނޭ ކަމަށެވެ. އަދި އަޑުބަރޭގެ މިއަމަލު ކުށްވެރިކުރަމުން މަހުލޫފް ވިދާޅުވަނީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
އެ މަންޒަރު ރަނގަޅެއް ނޫން. އަޑުބަރޭ ކައިރީގައި ފުޓްބޯޅަ ކުޅުން ހުއްޓާލާކަށް ނުބުނާނަން. އަޅުގަނޑު އެފްއޭއެމްގައި ނުބުނާނަން އަޑުބަރޭ ގައުމީ ޓީމަށް ނުނަގާށޭވެސް” މަހްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާން ކުޅުންތެރިންނާއި އެއްވަރަށް ވަރަށް ރަނގަޅު ކުޅުމެއް އަޑުބަރޭ ދައްކާފައިވާ ކަމަށާއި ކުޅުން ހުއްޓާލާފައި ތިން އަހަރު ދުވަސް ހުރި ކަމުގައި ވިޔަސް އޭނަގެ ފިޓްނަސް ލެވެލް ވަރަށް ރަނގަޅު ކަމަށް ބުނެ މަހުލޫފް ވަނީ އަޑުބަރޭއަށް ތައުރީފްކޮށްފައެވެ.
އަޑުބަރޭ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަށް ދިން ހަމަލާ ވަރަށް ގިނަ ބަޔަކު ދަނީ ކުށްވެރިކުރަމުންނެވެ.

