އިންޑިއާގެ އެންމެ ބޮޑު އެއް އަމިއްލަ އެއާރލައިން ކަމަށްވާ އިންޑިގޯއިން، ޓްރިވެންޑްރަމާއި ރާއްޖޭގެ ވެރިރަށް މާލެއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށް ނިންމައިފިއެވެ. މި ނިންމުމާއެކު ދެ ޤައުމުގެ ދެމެދު ދަތުރުފަތުރުގެ ފުރުސަތުތައް އިތުރުވެ، ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
އިންޑިގޯއިން ހާމަކުރާ ގޮތުގައި، މި ދަތުރުތައް ފެށުމަށް ނިންމީ އިންޑިއާއާއި މާލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކުގެ ޑިމާންޑް އިތުރުވެފައިވާތީ، އެކަމަށް ބެލުމަށްފަހުއެވެ. މި ރޫޓުގައި ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރިއަށްގެންދާނީ އޭޓީއާރު 72-600 މަރުކާގެ ބޯޓުންނެވެ.
ޓްރިވެންޑްރަމަކީ އިންޑިގޯއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި 4 ވަނަ ސިޓީއެވެ. މީގެ ކުރިން އިންޑިގޯއިން އަންނަނީ ބެންގަލޫރު، ކޮޗިން، އަދި މުމްބާއީއަށް ދަތުރުތައް ބާއްވަމުންނެވެ. މިހާރު އިންޑިގޯއިން މާލެއާއި އިންޑިއާ އާ ދެމެދު ހަފްތާއަކު ޖުމްލަ 28 ފްލައިޓް ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.
އިންޑިގޯއިން ދިން މައުލޫމާތުގައިވާ ގޮތުން، ކޮންމެ ދުވަހަކުވެސް މެންދުރު 12:00ހާއިރު ފްލައިޓް ޓްރިވެންޑްރަމުން ނައްޓާލާނެއެވެ. އަދި މި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 13:15ހާއިރު ޖައްސާނެއެވެ. އެނބުރި ޓްރިވެންޑްރަމަށް ދާން މާލެއިން ފުރަނީ 14:05ހާއިރު ކަމަށްވެސް އިންޑިގޯއިން ބުނެއެވެ.
އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިންޑިގޯއިން އުންމީދުކުރާ ގޮތުގައި ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން، އިންޑިއާގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި ދަތުރުތަކާއެކު އިތުރުވެގެންދާނެއެވެ.
އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ޑެއިލީ ދަތުރުތައް ފަށާފައިވާއިރު، ރާއްޖޭގެ ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން މިހާރުވެސް އިންޑިއާގެ ޓްރިވެންޑްރަމަށް ސީދާ ދަތުރުތައް ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.

