މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮމިޝަން) ގެ ރައީސަކަށް، އެ ކޮމިޝަނުގެ މެންބަރު މުޙައްމަދު ފަރުޞަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިކަމަށް މަޖިލީހުން ފާސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
މީޑިއާ ކޮމިޝަނަށް އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިގޮތުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މީޑިއާ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަވިއުކޮށްފައެވެ. އިންޓަވިއުތަކަށްފަހު، އެ ކޮމިޝަނުގެ ރައީސްކަމަށް އެންމެ ޤާބިލު ފަރާތަކީ މުޙައްމަދު ފަރުޞަތުކަމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ ނިންމުމާ އެއްގޮތަށް، މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޞަތު އައްޔަންކުރަން ފާސްވީ 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މުޙައްމަދު ފަރުޞަތަކީ ތަޢުލީމީ ގޮތުންނާއި މަސައްކަތުގެ ތަޖުރިބާގެ ގޮތުން މުއްސަނދި ބޭފުޅެކެވެ. އޭނާ ވަނީ ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް މިންސްޓަރ އިން މާސްޓާރސް ޑިގްރީ ޙާޞިލް ކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ނޮދަމްބްރިޔާ ޔުނިވަރސިޓީން ބެޗެލަރ އޮފް އާރޓްސް (އޮނަރސް) ޙާޞިލް ކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ 5 އަހަރުގެ މުއްދަތުގެ އިތުރުން، ފަރުޞަތު ވަނީ ހިންގުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.
މީޑިއާ ކޮމިޝަނުގައި ޖުމްލަ 7 މެންބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ 3 މެންބަރުންނާއި، ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރައްވާ 4 މެންބަރުންނެވެ. މީޑިއާ ކޮމިޝަނުގެ ރައީސް މަޖިލީހުން އައްޔަންކުރިނަމަވެސް، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

