ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، އަންނަ ރަމަޟާން މަހުގެ ކުރިން އޮޅުވެލިފުށްޓަށް ދީމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރަށުގެ ތަރައްޤީއަށް ހުރި ހުރަސްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ފާހަގަކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އޮޅުވެލިފުށީގައި ކުރިއަށްގެންދާ މަޝްރޫޢުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްގެންދަވާނެކަމަށާއި އެ މަޝްރޫޢުތަކާއެކު ރަށަށް ކުރިއެރުންތަކެއް އަންނާނެކަމަށެވެ. އެގޮތުން ރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް ފާހަގަކުރައްވާ، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކަރަންޓުގެ މައްސަލަ ހައްލުނުވުމުގެ ސަބަބުން ނަރުދަމާ އަޅާފައި އޮތްނަމަވެސް، ނަރުދަމާއާއި ޞިއްޙީ މަރުކަޒަށް އިތުރުކުރި ޖާގަވެސް އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވެއެވެ. މި މައްސަލަ ރޯދަމަހުގެ ކުރިން ހައްލުކޮށްދެއްވާނެކަމަށާއި، ފެނަކައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން މިކަން ވަރަށް ގާތުން ބަލައިގެން މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
“އަމާޒަކީ މިއަހަރުގެ ތެރޭގައި ނަރުދަމާގެ މައްސަލައަށް ހައްލުގެނައުމަށްޓަކައި އަދި ސިއްޙީ މަރުކަޒަށް ބޭނުންވާ ކަރަންޓު މައްސަލައަށް ބޭނުންވާ ވަރަށް ހައްލުކޮށްދިނުން. އެންމެ ލަސްވެގެން ރޯދައިގެ ކުރިއަށް މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން. ކަރަންޓުގެ މައްސަލަ ވަރަށް ގާތުން ސީދާ ރައަސް އޮފީހުން ވަރަށް ގާތުން ބަލާނަން،” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ސްކޫލްގައި ހުއްޓިފައި ހުރި 10 ކްލާސްރޫމް ތަރައްޤީކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިން މިހާތަނަށް ކުރި މަސައްކަތަށް ފައިސާ ދީފައިވާކަމަށެވެ. އަދި މި މަސައްކަތް ނިންމުމަށް ކުންފުންޏަށް އަންގާފައިވާކަމަށާއި އިތުރަށް ބާރު އަޅާ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. ކްލާސްރޫމްތައް އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި މަލްޓިޕާޕަސް ހޯލެއް ތަރައްޤީކުރުމަށް ހިމަނުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަމުންދަނީ އެމަނިކުފާނު ވަޢުދުވެވަޑައިގަތް މަސައްކަތްތައް ނިންމުމާއެކު އިތުރު ކަންކަންވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށްގެންދިޔުމަށްކަމަށެވެ. އެގޮތުން އެރަށު ކައުންސިލުން ތަރައްޤީކުރާ ވޮލީކޯޓު އެޅުމަށްޓަކައި ކައުންސިލަށް ފައިސާ ދާދި އަވަހަށް ޖަމާކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި މަގު ހެދުމުގެ މަޝްރޫޢުއެއްވެސް ކުރިއަށްގެންދަވާނެކަމަށާއި، ހުރިހާ ދާއިރާއަކުންވެސް ރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އޮޅުވެލިފުށީގެ ރައްޔިތުންނަށް ދެއްވާފައެވެ.

