ޅ. އޮޅުވެލިފުށީގެ ބިން ހިއްކުން ހިމެނޭހެން 3 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮޅުވެލިފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. އެމްޓީސީސީއާ ޙަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި އޮޅުވެލިފުށީގެ ބިން ހިއްކުމުގެ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް، އަދި އެރަށު އޮޑިއެހެލާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އޮޅުވެލިފުށީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިމަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އޮޅުވެލިފުށީގެ ރައްޔިތުން ވަރަށް ބޭނުންވެފައިވާ 15 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު، އެރަށުގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މައްސަލައަށް ހައްލުލިބި، އޮޑިދޯނިފަހަރު ބޭލުމަށް ހާއްސަ ސަރަހައްދުވެސް ތަރައްޤީވެގެން ދާނެއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރަށަށް އަންނާނެ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. “ޖުމްލަ ގޮތެއްގައި ބަނދަރާއި ބިންހިއްކުމާއި ގުޅިފައިވާ މަސައްކަތްތަކަކީ މިމަސައްކަތްތައް ނިމިގެން ދިޔުމުން ޔަގީނުންވެސް ރަށަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަންތައްތަކެއް. އެއްވެސް މަޑުޖެހުމެއްނެތި މި މަޝްރޫއުތައް ކުރިއަށް ގެންދާނަން.”

