ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފައިސާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި ވައްކަން ކުރުމަށް ބޭނުންކުރި ސްޕީޑްލޯންޗު ހޯދައި، މިކަމުގައި ޝާމިލްވާ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:25 ހާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތުމުގެ ތެރޭގައެވެ. ފޭރުނު ފަރާތްތައް ތިބީ މޫނު ނިވާކޮށްގެންނެވެ. ސޫޓު ކޭހުގައި ހުރި ފައިސާގެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ތަހުގީގު ހަލުވިކޮށް، ކުށްކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި، މިކަމުގައި ޝާމިލްވާ 4 މީހަކު ހައްޔަރުކޮށްފައެވެ. މިކަމާ ގުޅިގެން، ވަޒީރު އަލީ އިޙްސާން ވަނީ ފުލުހުންގެ އޮފިސަރުންގެ ހަލުވި އަދި އެދެވޭ މަސައްކަތް ފާހަގަކުރައްވައި، ކުށްވެރިން ހައްޔަރުކުރުމަށް އެޅުނު ފިޔަވަޅުތަކަށްޓަކައި ޝުކުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނާއި، އެމީހުންގެ ބެލުމުގެ ދަށަށް ގެނެވުނު ލޯންޗާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ. މި މައްސަލަ މިހާރުވެސް ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

