ޅ. ކުރެންދޫގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢޫތަކުގެ ތެރެއިން، އެރަށުގެ ޞިއްޙީ މަރުކަޒުގެ އާ އިމާރާތާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށް، މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި ދެ މަޝްރޫޢަކީ ކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދީފައިވާ މުހިއްމު މަޝްރޫޢުތަކެކެވެ.
މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް، ކުރެންދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ އެއްބަސްވުމުގައެވެ. އަދި މަގުތައް ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރުޑީސީގެ ފަރާތުން މި ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކުރެންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ވަނީ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ކުރެންދޫ ސްކޫލުގައި އިމާރާތްކުރި މަލްޓި ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން، އެރަށުގައި ބަނދަރު ތަރައްޤީކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢު ފަދަ ތިން މުހިއްމު މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން ވެސް އެމަނިކުފާނު ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ.
ކުރެންދޫއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިކަމުން ދައްކުވައިދެނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެ ރައްޔިތުންގެ ބޭނުންތަކަށް ސަރުކާރުން އިސްކަންކަން ދެއްވާ މިންވަރެވެ.

