ދިވެހި ފިލްމީ ދާއިރާއަށާއި އޮލިމްޕަސް ސިނަމާއަށް މި އަހަރަކީ ވަރަށް ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެކި ޕްރޮޑަކްޝަންތަކުން ތަފާތު ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދިން އަހަރެއްގެ ތެރޭގައި، ބެލުންތެރިން އެންމެ އިންތިޒާރު ކުރާ ކޮމެޑީ ފިލްމުކަމަށްވާ “ކޮސްގިނަ މިސްޓޭކް” އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ބާކީ ނުވަ ދުވަހަށް ވެއްޖެއެވެ. މި ފިލްމު ސިނަމާއަށް އަންނާނީ ނޮވެމްބަރު 5 ވަނަ ދުވަހުއެވެ.
މި އަހަރު އޮލިމްޕަސް ސިނަމާގައި އެޅުވި ގިނަ ފިލްމްތަކަކީ ލޯބީގެ ނުވަތަ އެކްޝަން ފިލްމްތަކެކެވެ. އެހެންކަމުން، ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ “ކޮސްގިނަ މިސްޓޭކް” ވެގެންދާނީ މި އަހަރު އެންމެ ފުރަތަމަ އަޅުވާ ކޮމެޑީ ފިލްމަށެވެ. މި ފިލްމަށް ބެލުންތެރިންގެ ތަރުހީބު ބޮޑުކަން ފާހަގަކުރެވެއިރު، މިހާރު ވެސް ދަނީ ޓިކެޓް ވަރަށް ބާރަށް ވިކެމުންނެވެ. މީގެ އިތުރުން، މި ފިލްމަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ މަޝްހޫރު ތަރިންތަކެއް އެއް ފިލްމަކުން ފެނިގެންދާނެ ފިލްމެވެ.
ދިވެހި ފިލްމީ ދާއިރާގައި ކޮމެޑީ ފިލްމްތައް އުފެއްދުމުގައި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްއަކީ ޝައި ޕްރޮޑަކްޝަން އެވެ. އެގޮތުން “ނޯޓީފޯޓީ” އާއި “ފޯޓީ ޕްލަސް” ފަދަ ފިލްމްތައް ފާހަގަކޮށްލެވެއެވެ. ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމުގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ވިދާޅުވީ، “ކޮސްގިނަ މިސްޓޭކް” ވެގެންދާނީ ކުރީގެ ފިލްމްތައްފަދަ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ފިލްމެއް ކަމަށެވެ. އަދި ސެޓާން ސްޓޫޑިއޯއަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު “ކަމަނާ” އާއި މި އަހަރުގެ އެންމެ ކާމިޔާބު ފިލްމު “ކަނބުލޮ” އުފެއްދި ސްޓޫޑިއޯއެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިން ވެސް ވަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ. މި ފިލްމު ޝޫޓްކޮށްފައި ވަނީ މިއަހަރު ކުރީކޮޅު މ. މުލަކުގައެވެ. ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި)ގެ ކެމެރާ މަސައްކަތް ފެނިގެންދާއިރު، ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ. ޑައިރެކްޓަރ ޢަލީ ސީޒަން ވިދާޅުވެފައިވަނީ، ފިލްމުގައި ހިމެނޭ ހުރިހާ މަޝްހޫރު ތަރިންގެ ރޯލު ވެސް އެއްވަރަކަށް ފެނިގެންދާނެކަމަށެވެ.
މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭ، ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.
“ކޮސްގިނަ މިސްޓޭކް” އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 5 އިން ނޮވެމްބަރ 19 އަށެވެ. ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަސް ޓިކެޓު ކައުންޓަރުން މިހާރު ޓިކެޓް ގަނެވޭނެއެވެ. އޭގެ އިތުރުން ވައިބަރ ނަންބަރު 7743399 އަށް މެސެޖްކޮށްގެން ވެސް ޓިކެޓް ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ރަށްރަށުގަ އާއި، ރިސޯޓްތަކުގައި މި ފިލްމް ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކުން 7779621 ނުވަތަ 9111164 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެއްވުމަށް ވެސް ޕްރޮޑަކްޝަން ހައުސްއިން ވަނީ އެދިފައެވެ.

