ޅ. ހިންނަވަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ހިންނަވަރު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުން ވަނީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ފައްޓާފައިވާ މަޝްރޫޢުގެ ދަށުން މިހާތަނަށް 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އެޅުމަށް ނިންމާފައެވެ. އަދި މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތަކީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ދެމުންގެންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އައު އިމާރާތް ބިނާކުރުމާއެކު، ހިންނަވަރު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން ކައުންސިލްގެ އިދާރީ މަސައްކަތްތައް ހިންގުމަށް ވެސް ފަސޭހަތަކެއް ލިބި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

