ޅ. ނައިފަރުގައި މަގު ހެދުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޅ. އަތޮޅުގެ ހަތަރު ރަށަކަށާއި ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ނައިފަރު މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. ނައިފަރަކީ ރައީސް މުޢިއްޒުގެ ޅ. އަތޮޅުގެ ދަތުރުފުޅުގެ ފަހު މަންޒިލެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި ރޯޑް ޑިވަލޮޕްމަންޓް ކޯޕްރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް، ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސީން ޢަބްދުﷲގެ އިތުރުން ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ނައިފަރުގެ އުމްރާނީ ތަރައްޤީއަށް މުހިންމު މަޝްރޫޢެކެވެ.
މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށްފަހު، ރައީސް މުޢިއްޒު ވަނީ ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖައްސަވާފައެވެ. ރައީސްގެ މި ބައްދަލުވުން މިރޭ 21:00 ގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

