ޅ. ނައިފަރު ބަނދަރު އަޕްގްރޭޑް ކުރުމާއި އައު ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫއަކީ ނައިފަރު ރައްޔިތުންގެ ދިގު މުއްދަތުގެ އެދުމެއް ކަމަށްވާއިރު، މިކަން ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން، ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަކީ ނައިފަރުގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ބަދަލެއް ގެނުވާނެ ކަމެއް ކަމަށް ބެލެވެއެވެ.
ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިހާރު ނައިފަރުގައި އޮތް ބަނދަރަކީ އެވަގުތަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ބަނދަރު ކަމަށެވެ. ނަމަވެސް އިގްތިސާދު ކުރިއަރައި، މީހުންގެ ބޭނުންތައް އިތުރުވުމާ އެކު މިހާރު ބަނދަރު ވަނީ ކުޑަވެފައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، މިހާރު އޮތް ބަނދަރު އަޕްގްރޭޑްކޮށް، އާ ބަނދަރެއް ހަދައިދޭނެ ކަމަށް ރައީސް ވައުދުވެ ވަޑައިގެންނެވިއެވެ.
“އެހެންވީމާ ދެ ވައުދު ފުއްދުމަށް ހަވާލު މި ކުރެވުނީ. މި މަސައްކަތް ދާއިރުގަ މި ދެންނެވި ގޮތަށް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް މިކަން ހައްލުވާނީ.” ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ނިމުމުން ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަނދަރުގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިހާރު އޮތް ބަނދަރުގެ ބޭރު ތޮށި ކައިރީގައި ކުދި ދޯނި ފަހަރު އެޅޭ ގޮތަށް ޖެޓީއެއް ހެދުމާއި ނެރު ފައިކައްޓަށް ބަދަލު ގެނެވޭއިރު އިތުރު ޖާގަ ލިބޭނެ ގޮތް މަގުފަހިވާނެ ކަމަށެވެ. “އިރާދަކުރެއްވިއްޔާ އާ ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުވެގެން ދިޔައީމަ އަނެއްކާ ވެސް ވާނީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ބަނދަރު އޮތް ރަށަށް މިރަށް” ރައީސް ވިދާޅުވިއެވެ. މި މަޝްރޫއުގެ ސަބަބުން ނައިފަރުގެ މުސްތަގުބަލަށް އުފާވެރި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ލަފާކުރެއްވިއެވެ.

