ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅ. ނައިފަރަށް ވަޑައިގެންނެވި ރަސްމިއްޔާތެއްގައި، އެރަށުގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި ރަސްމިއްޔާތު ބޭއްވީ ނައިފަރުގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ.
ނައިފަރު ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ނައިފަރު ފަދަ އާބާދީ ބޮޑު ރަށްރަށުގައި އެންމެ ބޮޑުވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުން ކަމަށެވެ. އެކަން ހައްލު ކުރުމަށް ރިޔާސީ އިންތިހާބުގައި އެރަށުގައި 400 ހައުސިން ޔުނިޓް އަޅާ ދޭނެކަމަށް ވައުދުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެޗްޑީސީއާ މިއަދު ހަވާލުކުރެވުނު 300 ހައުސިން ޔުނިޓަކީ އެ 400 ހައުސިން ޔުނިޓުގެ ތެރޭގައި ހިމެނޭ ޔުނިޓުތައް ކަމަށާއި، އިތުރު 100 ހައުސިން ޔުނިޓް އެޅުމަށް ވަރަށް އަވަހަށް ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން 2027 ވަނަ އަހަރު އިތުރު 400 ހައުސިން ޔުނިޓް ނައިފަރުގައި އަޅަން ބަޔަކާ ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެހެން ކަމުން، ޖުމްލަ 800 ހައުސިން ޔުނިޓުގެ މަސައްކަތް ނައިފަރުގައި މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ފެށި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ވަރު ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. “ޖުމްލަ 800 ހައުސިން ޔުނިޓުގެ މަސައްކަތް މިރަށުގަ މި ދައުރުގެ ބާކީ އޮތް 3 އަހަރުގައި ހިނގަމުންދާއިރު އޭގެ ތެރެއިން ބޮޑު ބައެއް ނިމޭނެ ކަމީ އަޅުގަނޑު ތިބޭފުޅުންނަށް އިރާދަކުރެއްވީތީ ދޭ ޔަގީންކަމެއް،” ރައީސް ވިދާޅުވިއެވެ.
މިއަދު އެޗްޑީސީއާ ހަވާލުކުރެވުނު މި މަޝްރޫއަކީ ނައިފަރު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް މުހިންމު ހައްލެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

