އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްޙީ ދާއިރާއަށް ވަށާޖެހޭ ތަރައްޤީއެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޅ. އަތޮޅު ރައްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު އެއަތޮޅު ނައިފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަންނަ އަހަރަށް ކަނޑައަޅާ ބަޖެޓު ހުށަހެޅުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށާއި، ބަޖެޓް އޮންނަވާ ގޮތް މިހާރު ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް އިންވެސްޓް ކުރެއްވުމަށްކަމަށާއި، މިއީ އިޤްތިޞާދީ ގޮތުން އަދި އިޖްތިމާޢީ ގޮތުންވެސް ޤައުމަށް ކުރިއެރުވުން ހޯދުމަށް ކުރަން ޖެހިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ބަލިތަކުން ދުރުވެފައިވާ ތިބި ނުވަތަ ހުށަނޭޅޭ މުޖްތަމަޢެއް އޮތުމަކީ މުހިންމު ކަމެއް. މިއަންނަ އަހަރުގެ ބަޖެޓުގެ އެންމެ އިސްކަމެއް ދޭ ދާއިރާއަކީ ސިއްޙީ ދާއިރާއަށް. އޭގެ ތެރޭގައި ޕްރިވެންޓިވް ހެލްތު ކެއަރ އަދި ކިއުރޭޓިވް ހެލްތު ކެއަރއަށްވެސް ހިމެނޭނެ،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ބަލިތަކުން ދުރުހެލިވެފައިވާ މުޖްތަމަޢެއް ބިނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރިވެންޓިވް ހެލްތު ކެއަރގެ އެންމެ މުހިންމު އެއް ޕްރޮގްރާމު ކަމުގައިވާ ޖެނެރޭޝަނަލް ބޭން އަކީ ރައްކާތެރި މުޖްތަމަޢެއް ބިނާކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ޤާނޫނުން ދުންފަތް މަނާ ނުކުރިނަމަވެސް އެކަމަށް ހުރަސްތަކެއް ސަރުކާރުން ކުރިމަތިކޮށްފައިވާކަމަށާއި، އެކަމުގެ ހެޔޮ ބަދަލު ފެންނަން ފަށާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެގޮތަށް ވޭޕް މަނާކުރުމަކީވެސް ޕްރިވެންޓިވް ހެލްތުކެއަރގެ އެންމެ މުހިންމު އެއް ޕްރޮގްރާމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރަނީ ވަށާޖެހޭ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ކުރާ އިންވެސްޓްމެންޓުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑެތި ޚަރަދުތައްކޮށް ސިއްޙީ ފަރުވާއަށް ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުންކަމަށާއި، ރާއްޖެއިން ބޭރަށް އާސަންދައިން އަދި އެހެނިހެން ގޮތްގޮތުން ޚަރަދުކޮށްގެން ދަތި ހާލުގައި ބޭރަށް ދާންޖެހޭ ދިއުން މަދުކޮށް، ރާއްޖޭގައި، މާލެއާއި އަތޮޅުތަކުގައި ހޮސްޕިޓަލްތަކުގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބޭނެ ގޮތް ޤާއިމްކުރުމަކީ ރައްޔިތުންނަށްޓަކައި ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގައި ފަށާ ޢުމްރާނީ ތަރައްޤީގެ މަސައްކަތަކަކީ އަތުން ހިފޭ، އަދި ފެންނަން ހުންނަ ތަރައްޤީގެ މަޝްރޫޢުތަކަށްވާއިރު، ސިއްޙީ ދާއިރާއަށް ސަރުކާރުން ކުރެވޭ އިންވެސްޓްމެންޓަކީ ރައްޔިތުންނަށް އޭގެ ފައިދާ އިޙްސާސް ކުރެވޭނެ ކުރިއެރުންތަކަކަށް ވާނެކަމަށެވެ.

