ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރެއްގައި ހަމަނުޖެހުން ހިންގާފައިވަނީ ކުޑަކުދިންތަކެއްގެ މެދުގައި ކަމަށާއި، އެ ހާދިސާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 9 ގައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހިޔާ ޓަވަރު 9 ގައި ދެ ބައެއްގެ ދެމެދުގައި އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން އުފެއްދުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ތިން ކުޑަކުދިން ހުއްޓުވައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. މި ތިން ކުދިންނަކީވެސް އުމުރުން 18 އަހަރު ނުފުރޭ ކުދިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އެ ތިން ކުދިންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ހައްޔަރުކުރި ކުއްޖަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. ނަމަވެސް މި ހާދިސާގައި މާރާމާރީއެއް ހިންގާފައިނުވާ ކަމަށާއި، އަދި އެއްވެސް މީހެއްގެ އަތުން ތޫނު ހަތިޔާރެއް ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ތަހުގީގު ކުރިއަށް ގެންދަމުންނެވެ. ކުޑަކުދިންގެ މެދުގައި ހިނގި މިފަދަ ހަމަނުޖެހުންތަކުގެ މައްސަލަތައް ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެއެވެ.

