ސިނަމާލެ ބްރިޖް މަތީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި، މިރޭ 22:17 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސައިކަލުގެ ފަހަތުގައި ކާރު ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެ ދިވެހި އަންހެނުންނަށެވެ.
އަނިޔާވި ދެ އަންހެނުންނަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް ފުލުހުން ބުނީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ދެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންނަމަވެސް އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިން މީހާގެ ލައިސަންސް ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައި ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބުތައް ދެނެގަތުމަށް ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

