ޅ. ނައިފަރުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސްލިޕްވޭގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި ސްލިޕްވޭގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. އަދި މި މަސައްކަތް ހަވާލުކުރި ތްރީވޭ އެންޓާޕްރައިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންޑިރެކްޓާ ހަސަން އިބްރާހިމެވެ. މި ސްލިޕްވޭ ގާއިމްކުރުމާއެކު ނައިފަރުގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ނައިފަރު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް ސްލިޕްވޭ ވެސް ގާއިމް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ސަރުކާރުގެ މަގުސަދަކީ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ޅ. ނައިފަރުގައި ވެމްކޯ (ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަން ލިމިޓެޑް) ގެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވެސް ރައީސްގެ ދަތުރުފުޅާ ގުޅިގެން ނައިފަރުގައި ބޭއްވި ޖަލްސާގައެވެ. އެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވެސް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި ހިދުމަތް ގާއިމްކުރުމާއެކު ނައިފަރުގެ ކުނި މެނޭޖްކުރުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

