ދަރިންނަކީ މާތްﷲ ދެމީހެއް މެދުވެރިވެގެން ދެއްވާ ދެމީހުންނަށްމެ ހަމަހަމައަށް ޒިންމާ އޮތް ހަމަހަމަ އަމާނާތަކަށް ވީއިރު ދަރިއެއްގެ ތަރުބިއްޔަތާއި ހެދިބޮޑުވުމުގެ ޒިންމާވެސް ހަމަހަމަކަމާއެކު ނަގަންޖެހޭނެކަން ދަންނަންވާނެއެވެ. ދެމީހުންގެ ދައުރު ދަރިފުޅަށް ލާބައާއި މަންފާ ކުރުވާ ގޮތާއި ހާލަތު ތަފާތުވެދާނެއެވެ. ދަރިއަކަށް މުހިންމުވާނީ ހަމައެކަނި މަންމަގެ ގާތްކަމާއި މަންމަގެ ސަމާލުކަމާއި ލޯބިކަމަށް ހީވުމަކީ ނުވަތަ ގަބޫލުކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. ހަގީގަތުގައި ދަރިފުޅެއްގެ ހެދިބޮޑުވުމުގައި އަދި އުޅުމުގައިވެސް މަންމައާއި ބައްޕަގެ ދައުރު ކޮންމެ މީހަކަށް ވެސް އެނގެއެވެ.
ޚާއްސަކޮށް ބައްޕަގެ ދައުރަކީ ދަރިންގެ ވިސްނުމާއި ނަފްސާނީ ގޮތުން ކުރިއެރުމަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. ބައްޕައެއްގެ ލޯބި ލިބި، އެކުދިންނާއެކު ގިނަ ވަގުތު ހޭދަކުރުމަކީ ދަރިންގެ ވިސްނުން ތޫނުވެ، ނަފްސަށް އިތުބާރުކުރުމާއި ގާބިލުކަން އިތުރުވާ ކަމެއްކަން ދިރާސާތަކުން ވަނީ ދައްކާފައެވެ. މިގޮތުން، ބައްޕަގެ ބައިވެރިވުން ދަރިންގެ ކުރިއެރުމަށް ކޮށްދޭނެ ފައިދާތަކަށް މިއަދުގެ ފަތިސްތަރީގައި އަލިއަޅުވާލާނަމެވެ.
ބައްޕަގެ ބައިވެރިވުމުގެ ސަބަބުން ވިސްނުން ތޫނުވުން
ބައްޕަ އާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުމަކީ ދަރިފުޅުގެ ކޮގްނިޓިވް (ވިސްނުމުގެ) ކުރިއެރުމަށް ވަރަށް މުހިންމު އެއްޗެކެވެ. ލަންޑަންގައި ހިންގި ދިރާސާއަކުން ދައްކާ ގޮތުގައި، ތުއްތު އިރުއްސުރެ ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންނަކީ އެ ފުރުޞަތު ނުލިބޭ ކުދިންނަށްވުރެ ތޫނުފިލި ކުދިންނެވެ. ބައްޕައިން އާންމުކޮށް ކުޅޭ ކުޅިވަރުތަކާއި ދަރިންނާ މުޢާމަލާތްކުރާ ގޮތް މައިންނާ ތަފާތެވެ. މި ތަފާތު ގޮތްތަކުގެ ސަބަބުން ކުދިންނަށް އާ ގޮތްގޮތަށް ވިސްނުމުގެ ހުނަރު ލިބި، މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އިތުރުވެއެވެ. މިސާލަކަށް، ބައްޕައިން ގިނައިން ހަރަކާތްތެރި، ގޮންޖެހުން ބޮޑު ކުޅިވަރުތައް ކުޅެއެވެ. މިކަމުގެ ސަބަބުން ކުދިންގެ ސިކުނޑި ތަރައްގީވެ، އާ ތަޖުރިބާތަކަށް ހުޅުވިގެންދެއެވެ.

ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ވިސްނުން ތޫނުވެފައި ނަފުސަށް އިތުބާރު ކުރުމާއި ގާބިލުކަން އިތުރު—ފޮޓޯ: ފްރީޕިކް
ނަފްސަށް އިތުބާރުކުރުމާއި އިޖުތިމާޢީ ހުނަރުތައް
ބައްޕައެއްގެ އެހީތެރިކަމާއި ސަޕޯޓަކީ ދަރިފުޅުގެ ނަފްސާނީ ރައްކާތެރިކަމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ބައްޕަގެ ބައިވެރިވުން ލިބޭ ކުދިންގެ އަމިއްލަ ނަފްސަށް އިތުބާރުކުރުން މަތިވެ، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގައި އެހެން ކުދިންނަށްވުރެ ކާމިޔާބުވާކަން ދިރާސާތަކުން ދައްކައެވެ. ބައްޕައިން ދަރިންނަށް ބާރުއަޅާ ގޮތަކީ، ކުދިންނަށް އާ ކަންކަން ތަޖުރިބާކުރުމަށް ހިތްވަރުދީ، ކުދިންގެ ނަފްސާނީ ގޮތުން ބާރުގަދަ ބަޔަކަށް ވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ބައްޕަގެ ބައިވެރިވުމުގެ ސަބަބުން ކުދިންގެ އަޚްލާގީ މައްސަލަތައް މަދުވެ، ފަހުން ދިރިއުޅުމުގައި ނުރަނގަޅު ކަންކަމަށް ޝައުގުވެރިވުން ކުޑަކުރެއެވެ.
ބައްޕައިންގެ ޒިންމާ އަދާކުރުމުގެ މުހިންމުކަން
މިޒަމާނުގައި ވަޒީފާގެ މަސައްކަތްތަކާއި އާއިލާއާ ދުރުގައި އުޅެންޖެހުމުގެ ސަބަބުން ގިނަ ބައްޕައިންނަށް ދަރިންނާއެކު ވަގުތު ހޭދަކުރަން ފުރުޞަތު ނުލިބެއެވެ. އަދި ބައެއް ބައްޕައިން ދެކޭގޮތުގައި ތުއްތު އިރު ދަރިންނާއެކު ވަގުތު ހޭދަކުރަން ޖެހެނީ ހަމައެކަނި މައިންނެވެ. އެހެންކަމުން ހުސްވަގުތު އެހެން ކަންކަމަށް (މިސާލަކަށް ރައްޓެހިންނާއެކު އުޅުމަށް) ހޭދަކުރެއެވެ. ނަމަވެސް، ދަރިފުޅުގެ ކުރިއެރުމަށްޓަކައި، ބައްޕަގެ ޒިންމާއަކީ ހަމައެކަނި ސްކޫލަށް ގެންގޮސް ގެނައުން ނޫނެވެ. އެންމެ ތުއްތު އިރުއްސުރެ ދަރިފުޅާއެކު ކުޅެ، ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއް ޤާއިމުކުރުން މުހިންމެވެ. މި ދެމެދުގައި ހޭދަކުރާ ވަގުތުގެ އަދަދަށްވުރެ މުހިންމީ އެ ވަގުތުގެ ކޮލިޓީއެވެ. ކުޑަ ކުޑަ ވަގުތުކޮޅެއް ނަމަވެސް، އެކުގައި ކުޅެލުން، ފޮތެއް ކިޔައިދިނުން ނުވަތަ ވާހަކަ ދައްކާލުން ފަދަ ކަންކަމަކީ ވަރަށް ބޮޑު އަސަރެއް ކުރާނެ ކަންކަމެވެ.
ބައްޕަގެ ބައިވެރިވުމަކީ ދަރިންގެ ވިސްނުމާއި ނަފްސާނީ ސިއްހަތަށް ވަރަށް މުހިންމު އެއްޗެކެވެ. ބައްޕަ އާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންނަކީ ވިސްނުން ތޫނުވެ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަދި އިޖުތިމާޢީ ގޮތުން ގާބިލު ކުދިންނެވެ. އެހެންކަމުން، ކޮންމެ ބައްޕައަކު ވެސް ދަރިންނަށް ވަގުތު ދީ، އެކުދިންގެ ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި ބައިވެރިވުމަކީ، ދަރިންގެ މުސްތަޤްބަލު އުޖާލާކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތެވެ.

