ޅ. ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޅ.އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނައިފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. އަދި ނައިފަރު ދާއިރާގެ މެމްބަރ މީގެ އިތުރުން ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސްއެވެ.
މި މަސައްކަތުގެދަށުން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރުމަށެވެ. އަދި ހިއްކި ބިން ޙިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ.
މި މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 9 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 679 މިލިއަން ރުފިޔާއަށެވެ.

