ޅ. ނައިފަރުގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއީ “ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން” އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
އެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނައިފަރަށް ކުރެއްވި ޒިޔާރަތުގައެވެ.
ނައިފަރުގެ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސްއެވެ.
ފުލުހުން އެކޮމޮޑޭޝަން ބްލޮކްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރ މީގެ އިތުރުން އެރަށު ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

