ކާށިދޫ ފަޅުތެރޭގައި ކުރިއަށްގެންދަން ނިންމާފައިވާ ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫއާއެކު، ކާށިދުއަށް ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކާށިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާށިދޫއަކީ އަތޮޅުގެ އެހެން ރަށްރަށާ ދުރުގައި އޮތް ރަށަކަށްވުމުން، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީގޮތުންވެސް ރަށަށް ކުރިއެރުން ވަރަށް މުހިންމުކަމަށެވެ. އެގޮތުން، ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން އިންވެސްޓަރެއް ހޯދުމަށް ކުރިން ހުޅުވާލިނަމަވެސް، ރަށް އޮތް ސަރަޙައްދާއި އުސޫލުތައް އޮތްގޮތުން އެކަމަށް އިންވެސްޓަރެއް ލިބިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި މަސައްކަތް ކުރިއަށް ގެންދިޔުމަށް، އިންވެސްޓަރެއް ހޯދުމަށް މިފަހަރު އަލުން ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިފަހަރު ހުޅުވާލާފައިވަނީ އިންވެސްޓަރުންނަށް އަގުތަކުން ބޮޑެތި ލުއިތަކެއް ދިނުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ފަޅުތެރޭ ތަރައްޤީކުރާ މި ރިސޯޓާއެކު، ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއްވެސް ކާށިދުއަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މި ރަށަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ ޢަމާޒެއް. ޕްލެޓްފޯމެއް ޤާއިމުކޮށް ޚިދުމަތް ދޭން ބަލާއިރު، ސީ ޕްލޭން އޮޕަރޭޓަރުންނަށް ފީސިބަލް ވަނީ ފަތުވެރިކަން އޮވެގެން. ރިސޯޓް ހަދާނެ ބަޔަކުވެ، އެ މަސައްކަތް ފެށުމާއެކު ސީޕްލޭން ޝެޑިއުލް ދަތުރު ފަށާނަން. އެކަން ކާމިޔާބުވާނެކަމުގެ ބޮޑު އުއްމީދެއް އެބައޮތް،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ އެކި ދާއިރާތަކުން ވިޔަފާރިތައް ފެށި، ރަށާއި ރައްޔިތުންގެ އާއްމު އިޤްތިޞާދީ ޙާލަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމުގައެވެ. އެގޮތުން ވަޒީފާތައް އުފެދުމާއި އާމްދަނީ ހޯދޭނެ ފުރުޞަތުތަކާއެކު، ރަށުން ބޭރުގައި އުޅޭ ރަށު ރައްޔިތުން ރަށަށް ދިރިއުޅުން ބަދަލުކުރުމުގެ ޝަޢުގުވެރިކަންވެސް އުފެދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިސޯޓް މަޝްރޫޢުގެ އިތުރުން، ކައުންސިލުން ހިންގާ ރަށު ފަތުރުވެރިކަމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އެހީތެރިވެދޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުގެ ސިޔާސަތާއެކު އާރްޓީއެލްގެ ފެރީގެ ޚިދުމަތްވެސް ކާށިދުއަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުގައި ފަށާފައިވާ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތަކާއެކު، އެކްސްރޭއާއި ސްކޭންގެ ޚިދުމަތާއި ކްލިނިކަލް ޖާގަ އަދި ބެޑް ކެޕޭސިޓީވެސް އިތުރުކުރެވޭނެކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުގައި ވަރަށް އަވަހަށް އެރަށުގައި ފިޒިއޯ ތެރަޕީގެ ޚިދުމަތް ފަށާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށަށް އެކަށީގެންވާ ޒަމާނީ ބަނދަރެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށް ވިދާޅުވެ، އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދޭ މަޝްރޫޢުތަކުގެތެރޭގައި ބަނދަރުގެ މަސައްކަތް ހިމަނާ، އެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ޔަގީންކަން ދެއްވިއެވެ.
ކާށުދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް 1 ހެކްޓަރުގެ ބިން ހަމަޖައްސާ، މި ފެށި މަސައްކަތުގެ ސަބަބުން ރަށުގައި ދަނޑުވެރިކަން ކުރިއެރުވުމަށްވެސް ފަހި ފުރުޞަތުތަކެއް ފަހިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ، އަތޮޅުގައި އެހެން ރަށްތަކާ ވަކިން ދުރުގައި އޮންނަ ކާށިދޫގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކުލަ ޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

