އެމްޓީސީސީ (MTCC) އިން ދިއްފުށި ބިން ހިއްކުމުގެ މަސައްކަތާއި، ވެމްކޯ (WAMCO) އިން ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ކ ދިއްފުށީގައި ތަރައްޤީގެ މި ދެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު ދިއްފުށީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ތުލުސްދޫ ދާއިރާގެ މެމްބަރާއި ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ދިއްފުއްޓަށް އިތުރު 30 ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ. ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، މިއާއެކު ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުވެ، ބޯހިޔާވަހިކަމާއި އިޤްތިޞާދީ އަދި ވިޔަފާރީގެ އިތުރު ހަރަކާތްތަކަށް ބޭނުންވާ ޖާގަ ލިބިގެންދާނެއެވެ.
ކުނި މެނޭޖްކުރުމުގެ ހާއްސަ ސެންޓަރުގެ މަސައްކަތް ފެށުން: ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ އިތުރުން، ދިއްފުށީގައި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވެސް މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ވެސް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމާއި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ. މީގެ އިތުރުން ދާއިރާގެ މެމްބަރާއި ކައުންސިލްގެ ރައީސް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ރަށްތަކުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތައް ނައްތާލާ، ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެކެވެ. އެގޮތުން، މާލޭ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައި ވެސް ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކޮށްދީ، ވަޞީލަތްތައް ހަމަކޮށްދިނުމުގެ މަޝްރޫޢުތައް މިހާރުވެސް ސަރުކާރުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ފައްޓަވައިދެއްވުމުގެ އިތުރުން، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ރައްޔިތުންނާ މައުލޫމާތު ހިއްސާކުރައްވަމުން ގެންދަވައެވެ.

