އިސްރާއީލްގެ ބޮޑުވަޒީރު ބެނަޔަމިން ނަތަންޔާހޫގެ އަމުރަށް އިސްރާއީލް ސިފައިން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ، 20 މީހަކު ޝަހީދު ކޮށްލައިފިއެވެ. މިއީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުން ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާތަކެވެ.
ދެކުނުގެ ރަފާހާއި ޚާން ޔޫނިސްގެ އިރުމަތީގައި އިސްރާއީލު ސިފައިން ގިނަ ހަމަލާތަކެއްދޭން ފަށާފައިވާއިރު، ބަޑީގެ އަޑުތަކާއި ބޮމުގެ އަޑުތައް ވަނީ ރޭ ގަދަވެފައެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ހަމާސްއިން އެމީހުންގެ ސިފައިންގެ މީހަކަށް ހަމަލާދިނުމުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެތްކެއް އިސްރާއީލަކަށް ދެއްކިފައެއް ނުވެއެވެ.
އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައިވާ ގޮތުގައި ފަހުން ދީފައިވާ ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
ހަމާސްއިން ވަނީ ރަފާހުގައި ހިނގި ބަޑީގެ ހަމަލާއަކާ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. ހަމާސް އިން ހަމަލާދިން ކަމަށް އިސްރާއީލުން ބުނީ ޣައްޒާގައި ގިނަ ބަޔަކު ޝަހީދުކޮށްލި ވައިގެ ހަމަލާތަކަށް ހުއްޖަތެއްގެ ގޮތުގައެވެ.
އިސްރާއީލުން ދިން މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށެވެ. އެމެރިކާއިން ބުނީ އެކަން އެހެން އޮތެއްކަމަކު ދެފަރާތުގެ ދެމެދުގައި ކުދިކުދި ހަމަލާތައް ހިނގާނޭކަން ދަންނަކަމަށާއި، އެހެން އެވަނީ ހަމާސްގެ ހަނގުރާމަވެރިންގެ ސަބަބުންކަމަށެވެ.
އަލް-ޤައްސާމް ބްރިގޭޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން ހަމަލާ އިތުރުކޮށްފިނަމަ، މަރުވެފައިވާ ހައްޔަރުވެފައިވާ މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތަށް ހުރަސް އެޅި، އެ މަސައްކަތް ލަސްވާނެ ކަމަށެވެ.

