ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، ތުލުސްދޫ ކައުންސިލާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލު ޝަފީޢުއެވެ. އަދި ތުލުސްދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.
މި މަޝްރޫޢުގެ ދަށުން ކ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހަތަރު ފަންގިފިލާގެ އައު އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އައު އިމާރާތުގައި 15 ކްލާސްރޫމް ހިމެނޭނެއެވެ. މީގެ އިތުރުން، އޮފީސް އިމާރާތަކާއި، ސްޓާފްރޫމާއި، ލައިބްރަރީއާއި، ނަމާދު ކޮޓަރި ވެސް މި އިމާރާތުގައި ހިމެނޭނެއެވެ. މި މަޝްރޫޢަކީ ތުލުސްދޫގެ ތަޢުލީމީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މިހާރު ވަނީ ތުލުސްދޫގައި މުހިންމު ދެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައި، ތަޢުލީމީ ދާއިރާގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

